މާލެ ކައިރީ އަޅާފައި އޮއްވައި މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެން އޮޔާދިޔަ ތެޔޮ ބޯޓުތަކެއް ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހި، ބުރިޖުގައި ކުދި ކޫރުންތަކެއް އެޅިފައިވާކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މި ހާދިސާ ރޭގެ ވަގުތެއްގައި ހިނގަން މެދުވެރިވީ މާލެ ސަރަހައްދަށް ވައިބާރުވެ، ކަނޑުގަދަވުމުގެ ސަބަބުން ބޯޓުތައް އޮޔާ ގޮސްގެންނެވެ.

މި ހާދިސާއާ ގުޅިގެން ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ވަނީ ރެއާއި މިއަދު ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ އިންސްޕެކްޝަންތަކުން ދެއްކި ގޮތުގައި ބުރިޖުގެ މައިގަނޑު ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބައެއް ތަންތަނުގައި ކުދިކުދި ރެނދުތަކެއް ހުރުމުން، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާނިވަލާ ދިމާލުން ބޯޓުތައް ކޮންޓްރޯލުން ނެއްޓިގެން ގޮސް ބުރިޖުގެ ތަނބަކަށް ވަނީ އުރިފައެވެ. ޝިޕިން ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި މިއީ ހާލުގައި ޖެހިގެން އައި ބޯޓުތަކެއް ނޫން ކަމަށާއި، ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެތެރެވުމުން މީގެ މަސްތަކެއް ކުރިން ހިފަހައްޓާފައިވާ އިންޑިއާގެ 20 ފަޅުވެރިން ތިބި ދެ ބޯޓެވެ.

މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓުމަކީ ދެ ބުރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިއީ މުޅި މި ސަރަހައްދުގެ ދިރިއުޅުމަށް ވެސް އެޅޭނެ ބޮޑު ހުރަހެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ސަރުކާރުން މިހާރު ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އޮޔާދާ ނުވަތަ ކޮންޓްރޯލުން ނެއްޓޭ އުޅަނދުތައް ބުރިޖާ ހަމައަށް ދިއުމުގެ ކުރިން ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް އިން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެ ބޯޓުތައް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބަހައްޓާ އުސޫލުތައް މުރާޖާކޮށް ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.