އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ކުރީގެ މެމްބަރު، ޕްރިންސެސް ޑަޔާނާގެ ކާބަފައިންގެ ތެރޭގައި އިންޑިއާ ނަސްލުގެ މީހުން ހިމެނޭކަން ސައިންޓިފިކް ދިރާސާއަކުން ހާމަވެއްޖެއެވެ. ތާރީހުން ފޮރުވިފައި އޮތް މި ހަގީގަތް ފަޅާއަރާފައި މިވަނީ، ޑަޔާނާގެ އާއިލީ ލޭގެ ގުޅުމާ ބެހޭ ގޮތުން ސައިންސްވެރިން ހެދި ޑީއެންއޭ ތަހުލީލުތަކަކަށް ފަހުގައެވެ.
މި ތާރީހީ ހޯދުން ގުޅިފައިވަނީ 1810 ވަނަ އަހަރު އިންޑިއާގެ ސޫރަތުގައި ދިރިއުޅުނު މީހުންނާއެވެ. އެ ދުވަސްވަރު އީސްޓް އިންޑިއާ ކޮމްޕެނީގައި މަސައްކަތް ކުރި ސްކޮޓްލޭންޑްގެ ވިޔަފާރިވެރިއެއް ކަމަށްވާ ތިއޮޑޯ ފޯބްސްގެ ގޭގައި ހައުސްކީޕަރަކަށް އުޅުނީ އެލީޒާ ކެވަރކް ކިޔާ އަންހެނެކެވެ. ތާރީހީ ލިޔުންތަކުގައި މީގެ ކުރިން އޭނާއަކީ އަރުމީނިއާ ދަރިކޮޅުގެ މީހެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އޭނާއަކީ އަސްލު އިންޑިއާ މީހެއްކަން މިހާރު ވަނީ އެނގިފައެވެ.
އެ ދެ މީހުންނަށް ލިބުނު އަންހެން ދަރިފުޅު ކެތުރިންގެ ލޭގެ ދަރިކޮޅު ސީދާ ގޮސް ގުޅެނީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާއާއެވެ. އަދި އޭގެ ގާތްގަނޑަކަށް ދުއިސައްތަ އަހަރު ފަހުން، 2013 ވަނަ އަހަރު ސައިންސްވެރިޔާ ޖިމް ވިލްސަން ވަނީ އެލީޒާގެ ފަހު ނަމާ މެދު ޝައްކު އުފެދިގެން ހާއްސަ ދިރާސާއެއް ފަށާފައެވެ.
މި ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ޖިމް ވިލްސަން ވަނީ ޑަޔާނާގެ ދެބެންގެދެދަރި ދެ މީހަކު ހޯދައި، އެ މީހުންގެ ޖެނެޓިކް ސާމްޕަލް ނަގައިގެން ޑީއެންއޭ ޓެސްޓު ހަދާފައެވެ. އެ ޓެސްޓުތަކުން ދެއްކި ގޮތުގައި އެ ދެ މީހުންގެ ގައިގައި ވެސް އިންޑިއާ ނަސްލުގެ މީހުންގެ ޑީއެންއޭ އެކުލެވިގެންވެއެވެ. މިއީ މުޅި ދުނިޔެއަށް ވެސް ލިބުނު ބޮޑު ހައިރާންކަމެކެވެ.
މި ތަހުލީލުގެ ނަތީޖާއާއެކު ސާބިތުވެގެން ދިޔައީ، އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ޝަހުސިއްޔަތު ކަމަށްވާ ޕްރިންސެސް ޑަޔާނާގެ ލޭގައި އިންޑިއާ ދަރިކޮޅުގެ އަސްލެއް ހިމެނޭ ކަމެވެ. އަދި މިއީ އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތާ އިންޑިއާއާ ދެމެދު އޮތް އާދަޔާ ހިލާފު ތާރީހީ އަދި އާއިލީ ގުޅުމެއް ކަމަށް ތާރީހު ދިރާސާކުރާ ފަރާތްތަކުން މިހާރު ފާހަގަކުރެއެވެ.
