ކަދުރުން ލިބޭ ފައިދާތައް އެނގޭ މިންވަރަކުން ގިނަ މައުލުމާތުތައް މިދަނީ ލިބެމުންނެވެ. އާ ހޯދުންތަކާއި ދިރާސާތައް މިދަނީ ކުރެވެމުންނެވެ. އެގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމުން އެންމެ ގިނަ ބަޔަކު ސަލާމަތްކޮށްދިނުމުގައި ކަދުރު އަދާކުރާ ދައުރަކީ އެހެން މޭވާއަކުން އަދާނުކުރެވޭހާ ބޮޑު ދައުރެކެވެ. މީގެ އިތުރުން ލޭމައްޗަށް ދިއުން ކޮންޓްރޯލްކުރަން އެހީތެރިވެދޭ މާއްދާތަކެއް ކަދުރުގައި ހުރެއެވެ. ކޮލޮސްޓްރޯލް ނުވަތަ ސަރުބީގެ ސަބަބުން ދިމާވާ ގެއްލުންތައް ކުޑަކުރުމާއި ސަރުބީ މަދުކުރުމަށް އެހީތެރިވެދޭ ގިނަ މާއްދާތަކެއްވެސް ކަދުރުން ފެންނަން އެބަހުއްޓެވެ. މީގެއިތުރުން ނާރުތަކުގެ ބާރު ގަދަކުރުމަށް ބޭނުންވާ މާއްދާއެއްވެސް ކަދުރުގައި ވެއެވެ.
މާބަނޑު އަންހެނުން، ޚާއްޞަކޮށް ލޭމަދު އަންހެނުންނަށާއި ކުޑަކުދިންނަށް ބޭސްސިޓީގައި ބޭސް ލިޔާ އުޞޫލުން މިއަދު ޑޮކްޓަރުންނަށް ކަދުރު ލިޔަން ވަނީ މަޖުބޫރުވެފައިވާކަމަށް މަގްބޫލު މީޑިއާތަކުން ހާމަކުރެއެވެ. އެހެނީ ކަދުރުގެ ފައިދާ އިންތިހާއަށް ބޮޑުވެފައި ވާތީއެވެ.
ކަދުރާއި ކަދުރުގެ ފައިދާގެ ވާހަކަ ދެކެވޭއިރު، މިފަހުން މީސްމީޑިއާގައި އާންމުވި ހަބަރަކަށް ބަލައިލާނަމެވެ. އެއީ މަޝްހޫރު ޑަކްޓަރަކު އޭނާގެ ބޮޑު ބޭބެއަކަށް ފޮނުވި މެސެޖެއްގެ ވާހަކައެވެ. ޑރ. ހެންރީ އޭނާގެ ބޮޑުބޭބެއަށް ފޮނުވި މެސެޖެއްގައި ލިޔެފައި އޮތެވެ. "ބޮޑުބޭބޭއެވެ. މާގިނަވައްތަރުގެ ބުއިންތައް ނުބުއިނަމަވެސް ހެނދުނު ހުސްބަނޑާހުރެ ބޭބެއަށް ފަސޭހަވަރަކަށް ކަދުރު ކައިބަލާށެވެ! ބަނޑުގެ މައްސަލަތަކާ ލޭގެ މައްސަލަތައް ހަލުކޮށްދިނުމުގެ އިތުރުން ބަނޑާއި އެހެން ތަންތަނުގައި ޖަހާފައިވާ ސަރުބީތައް ވިރުވައިދޭނެއެވެ."
މިއީ އިސްލާމްދީން ނުދަންނަ ދީނާ ބީރައްޓެހި ޑަކްޓަރަކު ދިން ނަސޭހަތެކެވެ. ނަމަވެސް އިސްލާމްދީނާއި ރަސޫލާގެ ސުންނަތުން ހާމަވާން އޮތްކަމަކީ ކަދުރަކީ އޭގެ ފައިދާ ބޮޑު މޭވާއެއްކަމެވެ. އެގޮތުން ރޯދަ ވީއްލުންވެސް މުސްތަޙައްބުވެގެންވަނީ ކަދުރަކުންނެވެ.
ޣައިރު މުސްލިމުންވެސް އެއްބަސްވެ ލައްވާގޮތުގައި ކަދުރަކީ ސިއްޙަތަށް ފައިދާހުރި ވޭމާއެކެވެ. ނަމަވެސް މީގެ 1400 އަހަރު ކުރިން، މާތް ނަބިއްޔާ ވަނީ ކަދުރު ކެއުމަށް އުންމަތަށް ބާރު އަޅުއްވާފައެވެ.
ކަދުރުގައި ހިމެނޭ މާއްދާކަތަކަށް ބަލާއިރު، 100 ގުރާމު ކަދުރުގައި ހުންނާނެ މާއްދާތަކުގެ މިންވަރަށް ބަލައިލާނަމެވެ. އެގޮތުން ޕޮޓޭސިއަމްގެ %20، މެގްނީޒިއަމް %14، ކޮޕާރ %18، މެންގަނީސް %15، އަޔަން (ދަގަނޑު) %5 އަދި ވިޓަމިން ބީ6 ގެ %12 ހިމެނޭ މީހެ އިތުރުން ފައިބަރާއި ޕްރޮޓީންއާއި ކާރބޯހައިޑްރޭޓުވެސް ގިނަ އަދަދަކަށް ކަދުރުގައި ހިމެނޭ. އެގޮތުން 100 ގުރާމު ކަދުރުގެ 75 ގުރާމަކީ ކާބޯހައިޑްރޭޓްސްއެވެ. މިއީ ހަށިގަނޑުހައި ހަކަތަ އުފައްދާ ވަރުޖައްސައިދިނުމަށް އެހީވެދޭ މާއްދާއެކެވެ.
ކަދުރުން ލިބޭ ފައިދާތައް އަދިވެސް އިތުރަށް ލިޔެވިދާނެއެވެ. ކަދުރަކީވެސް އޭގެ ފައިދާތައް ގިނަ މޭވާއެކެވެ. އެހެންކަމުން އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ، ކޮންމެވެސް މިންވަރަކަށް ކަދުރު ކެވޭ ދުވަހަކަށް ހެދުން ވަރަށްވެސް މުހިންމެވެ.
