ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، ގައުމުގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް އަދި ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް މިއަދު ނެރެފިއެވެ. މި އެލާޓްތައް ނެރެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީއެވެ.

މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ޔެލޯ އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކަމަށްވާއިރު، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ހާއްސަކޮށް ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މީގެ ތެރެއިން އައްޑޫ ސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވަނީ ކުރިމަތިވެފައެވެ.

މީގެ އިތުރުން ވެރިރަށް މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުންދާތީ، އެކަމަށް އަވަސް ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އެގޮތުން މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މޫސުން އިތުރަށް ގޯސްވެ، ވިލާގަނޑުގައި ކުއްލިއަކަށް ވައިގަދަވެދާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުންނާއި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކަނޑު ދަތުރުކުރާއިރު ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.