އައްޑޫ ސިޓީއަށް މިއަދު ކުރި ބޯވިއްސާރައިގައި ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވި ގެއެއްގެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މެދުކެނޑުމެއްނެތި ކުރި ބޯވިއްސާރައިގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެގެންނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، މިއަދު ކުރި ވިއްސާރައިގައި ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ރަށު ތެރޭގައި ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތައް ހައްލުކުރުމަށްޓަކައި އަވަސް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު ގެއެއްގައި ހާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން ޖުމްލަ އަށް މީހުން ދިރިއުޅެމުންދާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. އެ ގެއަކީ ދިރިނޫޅެވޭ ވަރަށް ފެންވަދެ ގެއްލުންވި ގެއެއް ކަމަށްވާތީ، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހީތެރިކަމުގެ އިތުރުން ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރަށު ތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި ކައުންސިލާއި ސިފައިންގެ އިތުރުން ފުލުހުން ގުޅިގެން ހުއްޓުމެއްނެތި ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޕަންޕު ބަހައްޓައިގެން ފެން ހިންދުމާއި، ގެތަކަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ޔެލޯ އެލާޓް ހަވީރު 6:00 އާ ހަމައަށް އިތުރުކޮށްފައެވެ. މީގެ އިތުރުން މިއަދު މެންދުރު ދެ ގަޑިއިރަށް އައްޑު އާއި ފުވައްމުލަކަށް އޮރެންޖު އެލާޓް ވެސް ނެރެފައިވާއިރު، ކުރިއަށް އޮތް ވަގުތުތަކުގައިވެސް މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.