ގާނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ ވިސާ ލުއިކުރުމުގެ އެއްބަސްވުން ތަސްދީގުކޮށް އަމަލުކުރަން ފެށުމާ ގުޅިގެން، ގާނާގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް އެންޓްރީ ވިސާއަކާ ނުލައި ރާއްޖޭގައި އެންމެ ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް ހުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށާއި ދަތުރުފަތުރުގެ ފަސޭހަކަން އިތުރުކުރުމުގެ މަގުސަދުގައެވެ.
ގާނާގެ ފޮރިން މިނިސްޓްރީން މި މަހުގެ 8 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ލުއި ލިބިގެންދާނީ ގާނާގެ އާދައިގެ ޕާސްޕޯޓާއި، ސާވިސް ޕާސްޕޯޓް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނަ ހުރިހާ ފަރާތްތަކަށް ކަމަށެވެ. ރާއްޖޭގެ އިތުރުން ޒެމްބިއާއަށް ވެސް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ގާނާގެ ރައްޔިތުންނަށް ދަތުރުކުރެވޭނެ ކަމަށާއި، އެންޓީގުއާ އެންޑް ބާބިއުޑާއަށް 90 ދުވަހުގެ މުއްދަތަކަށް ވިސާ ނެތި އެތެރެވުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ވިސާއާ ނުލައި ދަތުރުކުރުމުގެ ހުއްދަ އޮތް ނަމަވެސް، ރާއްޖެއަށް އެތެރެވާއިރު އިމިގްރޭޝަންގެ އާންމު ގަވާއިދުތަކާއި އެތެރެވުމަށް ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކަށް ދަތުރުވެރިން ފުރިހަމައަށް ތަބާވާންޖެހޭނެ ކަމަށް ގާނާ ސަރުކާރުން ބުނެއެވެ. މިގޮތުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުގައިވެސް މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ހުންނަންވާނެ ކަމަށާއި، ހުއްދަ ދީފައިވާ މުއްދަތަށްވުރެ އިތުރަށް ގައުމުގައި މަޑުކުރުމަކީ މަނާ ކަމެއް ކަމަށް ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން ވަޒީފާ އަދާކުރުމަށާއި ތައުލީމު ހާސިލުކުރުމަށް ނުވަތަ ދިރިއުޅުން ބަދަލުކުރުމަށް ދަތުރުކުރާ ފަރާތްތަކުން، ކަމާބެހޭ އިދާރާތަކުން ކުރިއާލައި ނަގަންޖެހޭ ހާއްސަ ހުއްދަތައް ފުރިހަމަކުރަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ސާފުކޮށްދީފައެވެ. އެހެންކަމުން ދަތުރު ފެށުމުގެ ކުރިން އެ ގައުމެއްގެ އެންމެ ފަހުގެ މައުލޫމާތާއި ސިއްހީ މިންގަނޑުތައް އެމްބަސީތައް މެދުވެރިކޮށް އޮޅުންފިލުވުމަށް ދަތުރުވެރިންނަށް ވަނީ އިރުޝާދު ދީފައެވެ.
ގާނާގެ ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ވިސާ ލުއިކުރުމުގެ މިފަދަ އެއްބަސްވުންތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ހޯދައިދިނުމެވެ. އަދި ރާއްޖެ ފަދަ އެކުވެރި ގައުމުތަކާއެކު އޮންނަ ހާރިޖީ އަދި އިގްތިސާދީ ގުޅުންތައް މިކަމުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ގައުމުން ގަބޫލުކުރެއެވެ.
