އެމެރިކާގެ ނިއުޔޯކާއި، ޕެންޓަގަން އަދި ޕެންސިލްވޭނިއާގެ ޝެންކްސްވިލްއަށް އަމާޒުކޮށް ސެޕްޓެމްބަރު 11، 2001 ގައި ދިން ބިރުވެރި ޓެރަރިސްޓް ހަމަލާތަކަށް މިއަދު 25 އަހަރު ފުރިއްޖެއެވެ.
އތައް މިލިއަން ބައެއްގެ ހިތްތަކުގައި ފުން ހިތާމައެއްގެ ގޮތުގައި ބިންވަޅުނެގިފައިވާ މި ހާދިސާ ހިނގިތާ 25 އަހަރު ފާއިތުވެގެން ދިޔައިރު ވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން އަންނަނީ އެ ދުވަހުގެ ބިރުވެރި ހަނދާންތައް އައުކުރަމުންނެވެ.
މި ހިތާމަވެރި ހާދިސާގައި ޖުމްލަ 2،977 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި އެ އިމާރާތްތަކުގައި އެ ވަގުތު ވަޒީފާ އަދާކުރަން ތިބި އާންމު ރައްޔިތުންނާއި، ހައިޖެކް ކުރި ފްލައިޓުތަކުން ދަތުރުކުރި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނެއެވެ. އަދި ހާދިސާ ހިނގި ވަގުތު މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވުމަށް ވަގުތުން ދިޔަ އިމަޖެންސީ ފަރާތްތައް ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.
މި މުނާސަބަތާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކުން ވަނީ 9/11 މެމޯރިއަލްއަށް އެއްވެ، މަރުވި މީހުންގެ ހަނދާންތައް ވަރަށް ކުލަގަދަކޮށް އާކޮށްފައެވެ. އެ ތަނަށް އެއްވި އާއިލާތަކުން ދިޔައީ ވަކިވެދިޔަ ލޯބިވާ މީހުންގެ ނަންތައް ބާރަށް ކިޔައި، އެ މީހުންގެ ގުރުބާނީގެ ހަނދާންތައް ދިރުވަމުންނެވެ. މިގޮތަށް ނަންތައް ކިޔައި ހަނދާން އާކުރުމުގެ މައިގަނޑު މަގުސަދަކީ އެ މީހުންގެ ހަނދާންތައް އަންނަން އޮތް އައު ޖީލުތަކަށް ވާސިލުކޮށްދިނުމެވެ.
ހަމަލާއަށް 25 އަހަރު ފުރިގެން ދިޔައިރު، އެ ހާދިސާގެ އަސަރު މުޅި ދުނިޔެއިން އަދިވެސް ފިލައިގެން ނުދެއެވެ. ހާއްސަކޮށް އެ ދުވަހު އާއިލާގެ މެންބަރުންނާއި ލޯބިވާ މީހުން ވަކިވެދިޔަ ފަރާތްތަކަށް މިއަދަކީ ފުން ހިތާމައަކާއި އަސަރުން ފުރިގެންވާ ދުވަހެކެވެ. މެމޯރިއަލް ސަރަހައްދުގައި އެއްވެ ތިބި ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ 25 އަހަރަކީ އެ ހިތާމައަށް ކުޑަވެސް ލުޔެއް ލިބުނު މުއްދަތެއް ނޫނެވެ.
މި ހާދިސާ ފާހަގަކުރުމުގެ ހަރަކާތްތައް އެމެރިކާގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު، މިއީ އެ ގައުމުގެ ތާރީހުގައި ހިނގައިދިޔަ އެންމެ ކަޅު އަދި އެންމެ ބިރުވެރި އެއް ދުވަހެވެ. އަދި އައު ޖީލުތަކަށް މި ހާދިސާގެ ހަގީގަތް ބަޔާންކޮށްދީ، ސުލްހަމަސަލަސްކަން ގާއިމުކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ މުހިންމު ފުރުސަތެއްގެ ގޮތުގައި ވެސް ކަމާބެހޭ ފަރާތްތަކުން މި ދުވަސް ދެކެއެވެ.
