އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވައިޓް ހައުސްގެ އެހީތެރިޔާ ނަތަލީ ހާޕްއާ ދެމެދު ސިއްރު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ އެކު، ވޮޝިންޓަންގެ ސިޔާސީ މަސްރަހުގައި ބޮޑު ހަލަބޮލިކަމެއް އުފެދިއްޖެއެވެ.

އުމުރުން 35 އަހަރުގެ ހާޕްއަކީ ޓްރަމްޕްގެ އެންމެ އަރިސް އެއް މުވައްޒަފަށް ވާއިރު، ރަސްމީ އަދި ސިޔާސީ އެކި ހަރަކާތްތަކުގައި ޓްރަމްޕްގެ އަރިހުން އޭނާ އަބަދުވެސް ފެންނަމުންދާތީ މި ގުޅުމާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލުތައް އުފެދިފައެވެ.

މި ތުހުމަތުތަކުގެ އަޑު ގަދަވެގެން ދިޔައީ ވައިޓް ހައުސްގެ ކުރީގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސާރާ މެތިއުސް، ޓްރަމްޕްގެ އާއިލާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. ޓްރަމްޕް ކުރައްވާ ދަތުރުފަތުރުތަކުގައާއި އެކި އެއްވުންތަކުގައި ނަތަލީ ހާޕް ބައިވެރިވާ މިންވަރު އިތުރުވެފައިވާއިރު، މިއީ ހަމައެކަނި ރަސްމީ ވަޒީފާގެ ގުޅުމަކަށް ވުރެ ފުން ގުޅުމެއް ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.

މި އަޑުތަކާ އެކު ޓްރަމްޕްގެ ކައިވެންޏަށާއި އާއިލާއަށް އަނެއްކާ ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް އާންމު ހަރަކާތްތަކުން ނުފެންނަ މައްސަލައާއި، އޭނާ އިވެންޓުތަކަށް ވަޑައިގަންނަވަނީ ފައިސާ ދިނުމުން ކަމަށް ކުރެވޭ ތުހުމަތުތަކަށް ވެސް މިކަމުގެ ސަބަބުން ވަނީ ސަމާލުކަން ލިބިފައެވެ. މެތިއުސް ފާހަގަކުރި ގޮތުގައި ވައިޓް ހައުސްގައި އޭނާ މަސައްކަތް ކުރި މުއްދަތުގައި ކެބިނެޓުގެ ހުރިހާ މެންބަރުން ފެނުނު ނަމަވެސް، މެލާނިއާއާ ދުވަހަކު ވެސް ބައްދަލުވެފައެއް ނުވެއެވެ.

މެތިއުސް ބުނީ، ނަތަލީ ހާޕްއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގެ ސަބަބުން މެލާނިއާ ލަދުގަންނާނެ ކަމަށާއި، މީގެ ކުރިން ދިމާވި މިފަދަ ކަންކަމުގައި ވެސް އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މެލާނިއާ ވޮޝިންޓަނުގައި ދިރިއުޅުމަށް ވުރެ ބޮޑަށް ބޭނުންވަނީ ނިއުޔޯކުގައި ހުންނަން ކަމަށާއި، މި ދުވަސްވަރު އޭނާ މައިގަނޑު ގޮތެއްގައި ސަމާލުކަން ދެނީ އަމިއްލަ ޑޮކިއުމެންޓްރީގެ މަސައްކަތަށް ކަމަށް ވެސް މެތިއުސް ބުންޏެވެ.

ނަތަލީ ހާޕްއާއި ޓްރަމްޕާ ދެމެދު އޮތް ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާގައާއި އެކި މަންސަތަކުގައި ބާރަށް ދެކެވެމުން ދިޔަ ނަމަވެސް، މި ތުހުމަތުތަކާ ގުޅިގެން ޓްރަމްޕްގެ އޮފީހުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މިއީ ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.