ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން އެނބުރި އައި މީހަކު އެބޯލާ ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތަކާ އެކު، އިޒްރޭލުގެ ހޮސްޕިޓަލެއްގައި އެކަހެރިކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ. އިޒްރޭލުގެ ހެލްތް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައެވެ.
އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދިން ގޮތުގައި، މި މީހާ ކޮންގޯއިން އެނބުރި އިޒްރޭލަށް އައިސްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އަދި އޭނާ ހޮސްޕިޓަލަށް ދައްކަން ދިޔައީ ގަދަޔަށް ހުން އައުމުގެ އިތުރުން ބަލީގެ އެހެން އަލާމާތްތައް ފެންނަން ފެށުމުންނެވެ.
މި މީހާ ވަގުތުން ވަނީ އެކަހެރިކޮށް، ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ. އަދި މި ބައްޔާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ސިއްހީ ހިދުމަތްތެރިން އަޅަމުންދާ ކަމަށް އެ ގައުމުން ބުނެއެވެ.
ހެލްތް މިނިސްޓްރީގެ އޮފީހުން ބުނީ، ބަލި ޔަގީންކުރުމަށްޓަކައި ހަދަންޖެހޭ ލެބޯޓްރީ ޓެސްޓުތައް މިހާރު ދަނީ ހަދަމުން ކަމަށެވެ.
މި ޓެސްޓުތަކުގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށް ބެލެވޭއިރު، އެ މީހާއާ އެކު އުޅުނު މީހުން ދެނެގަތުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
