ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައްޔާއި މާދަމާގެ ޖީލުތައް ތަރުބިއްޔަތުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓީޗަރުން ކަމަށާއި، ޓީޗަރުންގެ ބައިވެރިވުމާއި ޝައުގުވެރިކަމާ ނުލައި އެއްވެސް ތައުލީމީ ސިޔާސަތެއް ނުވަތަ މަންހަޖެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޝަހީދު އަލީ ސްކޫލުގައި ކުރިއަށްދާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ތައުލީމީ ދާއިރާއަށް އާ ފުރުސަތުތަކެއް ފަހިވަމުން ދިޔަ ނަމަވެސް، ގާބިލު އަދި ކަމަށް ޝައުގުވެރިވާ ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަށް އަދާނުކުރެވޭނެ ކަމަށެވެ. އަދި ޓެކްނޮލޮޖީއަކީ ހަމައެކަނި ވަސީލަތެއް ކަމަށާއި، ދަރިވަރުންގެ ފުރިހަމަ ހުނަރު ކުރިއެރުވުމަށް އެހީތެރިވެ ހިތްވަރުދޭ މައިގަނޑު ބަޔަކީ ޓީޗަރުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތު ލިބިދޭ ތައުލީމީ ނިޒާމެއްގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ކޮންމެ ކުއްޖަކީ ވެސް ތަފާތު ގޮތަކަށް އުނގެނޭ ކުއްޖެއްކަން ދެނެގަނެ، ކިޔަވައިދިނުން އެގޮތަށް ބައްޓަންކުރަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކާމިޔާބީއަށް އޮތް ހަމައެކަނި މަގަކީ އެކަޑަމިކް ތައުލީމު ކަމަށް ދެކޭ ދެކުން ބަދަލުކުރަންޖެހޭ ކަމަށާއި، ގައުމުގެ އިގުތިސާދާއި އެކި ސިނާއަތްތައް ކުރިއެރުވުމަށް ފަންނީ އަދި މަސައްކަތްތެރިކަމުގެ ހުނަރު ލިބިފައިވާ ޒުވާނުން ނުހަނު ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، ސަރުކާރުން އަބަދުވެސް ޓީޗަރުންގެ އަގުވަޒަންކުރާ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބަދަލުވަމުންދާ ދުނިޔެއަކަށް ދަރިވަރުން ފުރިހަމައަށް ތައްޔާރުކުރުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
