ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްގީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަ ތަންތަނުގެ މުއްދަތު އިތުރުކުރަން އެދޭނަމަ އެއް ލައްކަ ޑޮލަރުގެ ފީއެއް ދައްކަންޖެހޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި ގެޒެޓުކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ޝާއިއުކޮށްފައިވާ އާ ގަވާއިދާ ގުޅިގެން، 2022 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ކުރީގެ ގަވާއިދު ވަނީ އުވިފައެވެ.
އާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުން، ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ 12 މަސް ދުވަހެވެ. އަދި ފަޅެއްގެ މުއްދަތު އެންމެ ދިގުވެގެން 24 މަހަށް އިތުރުކުރެވޭއިރު، އެންމެ ކުރު މުއްދަތަކީ އެއް މަސް ދުވަހެވެ. މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ، "ކޮންޑިޝަނަލް އެޕްރޫވަލް" ދޭ ތާރީހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތަކާއެކު 30 ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަމަށާއި، ފައިސާ ނުދައްކައިފިނަމަ ހުއްދަ ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ދިގު މުއްދަތަކަށް ރަށްތަކާއި ފަޅުތައް ދޫކޮށްފައި ހުންނައިރު އެތަންތަނުގެ އަމަލީ މަސައްކަތް ނުފެށި ދިއުމަކީ ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މިފަދަ ތަންތަން އޮޕަރޭޓްކުރަން ފެށުމުން ވަޒީފާގެ ފުރުސަތުތައް ފަހިވެ، ގްރީން ޓެކުހާއި ޓީޖީއެސްޓީ އިތުރުވެ ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، "ގަބޫލުކުރަން އުނދަގޫ ކަމެކޭ އެއީ އެހާ ދިގު މުއްދަތަކަށް، އަޅުގަނޑު މިދަންނަވަނީ 25 އަހަރުވެފައި ހުރި ތަންތަން ވެސް އެބަހުރި. އެހެންވީމަ މިކަންތައްތަކަށް ނިމުމެއް އެބަ ގެންނަންޖެހޭ. މީގެ ތެރޭގައި އެބަހުރި މަސައްކަތް 25 ޕަސަންޓާއި 30 ޕަސަންޓު ނިމިފަ ހުރި ތަންތަން ވެސް. އަޅުގަނޑުމެންގެ ސަރުކާރުގެ މަގުސަދަކީ އެތަންތަން ފެސިލިޓޭޓްކުރުން" ކަމަށެވެ.
އާ އުސޫލުގެ ދަށުން، ތަރައްގީކުރުމުގެ މުއްދަތު ހަމަވިތާ 8 އަހަރު ވެފައިވާއިރު ވެސް އަމަލީ މަސައްކަތް ނުފަށާ އަދި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ޑޮލަރަށް ވުރެ މަތިވެފައިވާ ތަންތަނުގެ އެއްބަސްވުން އެއްވެސް ފުރުސަތެއް ދިނުމަކާ ނުލައި ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ވަނީ ދީފައެވެ. މީގެ އިތުރުން ގްރޭސް ޕީރިއަޑަށް ފަހު އިމާރާތްކުރުމުގެ މުއްދަތު 60 މަހަށް ވުރެ އިތުރުވެފައިވުން ނުވަތަ ކުއްޔަށް ދިންތާ 8 އަހަރުވިއިރު އަމަލީ މަސައްކަތުގެ 15 ޕަސަންޓު ވެސް ނުނިމޭ ތަންތަނުގެ އެއްބަސްވުންތައް ވެސް އުވާލެވޭނެއެވެ.
