ފުލުހުންގެ ގާނޫނާއި އެތެރޭގެ ގަވާއިދުތަކާ އެއްގޮތަށް ރަނގަޅު ގޮތުގައި ހިދުމަތުގައި ދެމިހުންނަ އެއްވެސް މުވައްޒަފަކާ މެދު ނުހައްގުން ފިޔަވަޅެއް ނޭޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު ދެއްވައިފިއެވެ.
ސީޕީ މިހެން ވިދާޅުވީ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ފުލުހުންގެ ރޭންކުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި ފިޔަވަޅު އެޅުމުގެ ހުރިހާ ކަމެއް ވެސް ހިންގަނީ ކަނޑައެޅިފައިވާ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކާ އަޅާބަލާއިރު އެންމެ ގިނައިން ގަވާއިދުތަކާއި އެސްއޯޕީތައް ލިޔެވި، އެއަށް އަމަލުކުރެވެމުންދާ މުއައްސަސާއަކީ ފުލުހުންގެ ހިދުމަތް ކަމަށްވާއިރު، އެ ގަވާއިދުތަކަށް ކޮންމެ ފުލުހަކު ވެސް އަމިއްލައަށް އަހުލުވެރިވާންޖެހޭނެ ކަމަށް ފާހަގަކުރެއްވިއެވެ.
ފުލުހުންނަށް ދިމާވާ އިދާރީ އަދި އެހެނިހެން މައްސަލަތަކުގައި މުއައްސަސާގެ އެތެރޭގެ ނިޒާމު ދޫކޮށް ބޭރުން ހައްލު ހޯދަން މަސައްކަތްކުރުމަކީ އިދާރީ ގޮތުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ. އެހެންކަމުން ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ބުއްދި އިސްކޮށް، ހިކުމަތްތެރިކަމާއެކު އެތެރޭގެ އުސޫލުތަކުގެ ތެރެއިން މައްސަލަތަކަށް ހައްލު ހޯދުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ސީޕީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، "ބައެއް ފަހަރު އިދާރީގޮތުން މުވައްޒަފުންނަށް ކުރެވޭ ބައެއް ކުށްތަކާ ގުޅިގެން އެކަންކަން ބަލާ ފަރާތްތަކުން ސުވާލުކުރުމުން، ގަވާއިދު ނޭނގޭ ކަމަށް ބުނެ ވަރަށް ފަސޭހައިން ޖަވާބުދޭ. މައްސަލަ ބަލާ ފަރާތްތަކުން ގަބޫލުކުރާނެ ހުއްޖަތެއް ނޫން އެއީކީއެއް. ފިޔަވަޅު އަޅަން ޖެހުމުން އަމަލުކުރާނީ ލިޔެވިފައި އޮތް އެއްޗަކަށް. މުވައްޒަފަށް އެކަން ނޭނގުމަކީ ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ސަބަބެއް ނޫން" ކަމަށެވެ.
މީގެ އިތުރުން، އަމަންއާންމު ބެލެހެއްޓުމާއި ގާނޫނު ތަންފީޒުކުރުމުގެ ބޮޑު މަސްއޫލިއްޔަތު އަދާކުރާއިރު ކެތްތެރިކަން އިސްކުރުމަށާއި، ބޭއަދަބީކޮށް ވާހަކަނުދެއްކުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ. އަދި ލިބިފައިވާ އަހުލާގީ ކުލައާއި މެޑަލްތަކަކީ މަތިވެރި ޝަރަފެއް ކަމަށާއި، އެ ޝަރަފުތައް އަނބުރާ އަތުލަންޖެހޭ ފަދަ އެއްވެސް އަމަލެއް އެއްވެސް މުވައްޒަފެއްގެ ފަރާތުން ފެނިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
