އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ ރާޖްކޮޓް ޑިސްޓްރިކްޓުގައި އުމުރުން އެންމެ ދެ އަހަރުގެ ގެރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގެ އަވަށެއްގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި ތުހުމަތުކުރެވޭ މީހާ މި ނާތަހުޒީބު އަމަލު ހިންގަމުން ދިޔަ ވަގުތު އެ މަންޒަރު ވަނީ މޯބައިލް ފޯނަކުން ވީޑިއޯ ކޮށްފަ އެވެ. މި ވީޑިއޯ ފެނުމާ ގުޅިގެން، އަނިޔާ ލިބުނު ގެރީގެ ވެރިފަރާތުން ވަގުތުން ވަނީ އެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ގެރީގެ ވެރިފަރާތުން ހުށަހެޅި ޝަކުވާއާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ މީހާ ހޯދައި ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލަ ފުލުހުން ރަޖިސްޓްރީ ކޮށްފައިވަނީ ޖަނަވާރުންނަށް އަނިޔާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ އޮފީހުން ބުނީ، ޖަނަވާރުންނަށް ގޯނާކުރުމުގެ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި މި އަމަލު ހިންގި މީހާއާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ހާމަކުރި އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު އިތުރަށް ކުރިއަށް ގެންދާއިރު، އެ ސަރަހައްދުގެ ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން މި އަމަލު ހިންގި މީހާއަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ގެރީގެ ސިއްހީ ހާލަތު ބެލުމުގެ މަސައްކަތް ވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
