އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ހަރްދައުލީ އަވަށުގައި ފޯނު ނެޓްވޯކްގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން، ހިތްހަމަނުޖެހިފައި ތިބި ރައްޔިތުންތަކެއް ޓެލެކޮމް މުވައްޒަފަކު ހިފަހައްޓައި އެންޓަނާގައި ބަނދެފި އެވެ. މި ހާދިސާ ހިނގީ އެ އަވަށަށް މޯބައިލް އަދި އިންޓަނެޓްގެ ރަނގަޅު ހިދުމަތެއް ނުލިބި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެންނެވެ.

އަވަށުގެ ރައްޔިތުން ބުނާ ގޮތުގައި އެ އަވަށުގައި މޯބައިލް ޓަވަރެއް ހަރުކުރިތާ ދެ އަހަރު ވެފައިވީ ނަމަވެސް، މިހާތަނަށް ވެސް ފޯނު ގުޅުމުގައްޔާއި އިންޓަނެޓް ބޭނުންކުރުމުގައި ދިމާވާ ދަތިތަކަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެ އެވެ. އަދި މި މައްސަލައާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ތަކުރާރުކޮށް ޝަކުވާ ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މަސައްކަތްތެރިޔާ ބަނދެފައި ބަހައްޓާފައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވާން ފަށައިފަ އެވެ. އެ ވީޑިއޯ އާންމުވުމާ އެކު، މި ހާދިސާ ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އޮފީހުން ބުނީ، "ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި ހާދިސާ ހިނގި ގޮތް ވަރަށް ސީރިއަސްކޮށް ބަލައި ތަހުގީގު ކުރަމުން އަންނަ" ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ހާމަކުރި އެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، އެ އަވަށުގެ ރައްޔިތުން އަދިވެސް އެދެމުން ދަނީ އެ ސަރަހައްދަށް އިތުބާރު ހުރި ފޯނާއި އިންޓަނެޓުގެ ހިދުމަތް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށެވެ.