އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންގެ ފަރާތުން ލިބުނު ޖިންސީ ގޯނާތަކާއި، އޭނާގެ ދަށުގައި މަސައްކަތްކުރި ޒުވާން އަންހެން ކުދިން ކޮންޓްރޯލްކޮށްގެން ގެންގުޅުނު ގޮތުގެ ހިތާމަވެރި ވާހަކަތައް އޭނާގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ޖޫލިއާ މޮލްޗަނޯވާ ފުރަތަމަ ފަހަރަށް އާންމުކޮށް ކިޔައިދީފިއެވެ.

ދަ ވޯލް ސްޓްރީޓް ޖާނަލް އަށް ދިން ބަސްދީގަތުމެއްގައި ޖޫލިއާ ވަނީ، އެޕްސްޓީންގެ އަނިޔާތައް ދުނިޔެއަށް ފޮރުވުމަށްޓަކައި އެ ކުދިންނަކީ "އެސިސްޓެންޓުން" ގެ ގޮތުގައި ދައްކަން އޭނާ މަސައްކަތްކުރި ގޮތް ތަފްސީލުކޮށް ހާމަކޮށްފައެވެ.

ޖޫލިއާ ބުނި ގޮތުގައި އެޕްސްޓީންގެ ގޭތެރޭގައި ހަގީގަތުގައި ހިނގަމުންދިޔަ ކަންކަމަކީ އޮފީހެއްގެ އެސިސްޓެންޓެއްގެ ޒިންމާއާ އެއްވެސް ގުޅުމެއް ހުރި ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެޕްސްޓީންގެ ގެއަށް މީހުން ޒިޔާރަތްކުރާ ވަގުތުތަކުގައި، އޭނާގެ ޝިކާރައަކަށްވެ އަނިޔާ ލިބެމުންދިޔަ އަންހެން ކުދިންނަކީ އޭނާގެ އެހީތެރިންގެ ގޮތުގައި ދައްކައިގެން މީހުންނަށް އޮޅުވާލަމުން ދިޔަކަމަށް އޭނާ ބުންޏެވެ.

މި ގުޅުމުގެ ތެރޭގައި އެޕްސްޓީންގެ ފަރާތުން މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި އޮޅުވާލުންތަކެއް ކުރިމަތިވިކަން ވެސް ޖޫލިއާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ކުރީކޮޅު ކްރެޑިޓް ބަލަހައްޓާ އެޕްލިކޭޝަނެއް މެދުވެރިކޮށް ބެލި ބެލުމުން، އޭނާއަށް އެއްވެސް ވަރަކަށް ނޭނގި އޭނާގެ ނަމުގައި ކްރެޑިޓް ކާޑުތަކެއް ހަދައި، އެކައުންޓުތަކުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން އެނގުނު ކަމަށް އޭނާ ހާމަކުރިއެވެ.

"އެސިސްޓެންޓް" މި ލަފުޒަކީ އެ ގޭތެރޭގައި އަހަރެމެން ތަހައްމަލު ކުރަމުންދިޔަ އަނިޔާތަކާ އެއްވެސް ވަރަކަށް ގުޅޭ ނަމެއް ނޫން ކަމަށް ޖޫލިއާ ބުންޏެވެ. އަދި އެޕްސްޓީންގެ ގެއަށް މީހަކު އަތުވެއްޖެ ނަމަ، އަހަރެމެންނަކީ އަނިޔާ ލިބެމުންދާ ބައެއްކަން ފޮރުވައި، ތައާރަފުކޮށްދެނީ އޭނާގެ އެސިސްޓެންޓުންގެ ގޮތުގައި ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އަމިއްލަ ނަމުގައި ހަދާފައިވާ އެ އެކައުންޓުތައް ދުވަހަކުވެސް އޭނާ ބޭނުންކޮށްފައި ނުވާނެ ކަމަށާއި، މިއީ އެޕްސްޓީންގެ ނުފޫޒުގެ ދަށުން އޭނާއަށް ނޭނގި ހިންގާފައިވާ ކަންކަން ކަމަށް ޖޫލިއާ ބުންޏެވެ. މިއީ އެޕްސްޓީންގެ މައްޗަށް ކުރެވިފައިވާ ޖިންސީ ކުށްތަކާއި، މީހުން ޓްރެފިކް ކުރުމުގެ މައްސަލަތަކުގެ ތެރެއިން އޭނާގެ ބާރުގެ ދަށުގައި ތިބި އަންހެން ކުދިން ކޮންޓްރޯލް ކުރަން ބޭނުންކުރި މަކަރުވެރި އުކުޅުތައް އިތުރަށް ހާމަވެގެންދިޔަ ކަމެކެވެ.