އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ ކުރީގެ ލޯބިވެރިޔާ ޑެވިނާ ޝެފީލްޑް (ޑެވިނާ މޯލީ) އުމުރުން 75 އަހަރުގައި މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އޭނާ މަރުވެފައިވަނީ ކުޑަ ދުވަސްކޮޅަކު ބަލިވެ އުޅުމަށްފަހު، މި ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށާއި، މި ހިތާމަވެރި ވަގުތުގައި އޭނާގެ ތިން ފިރިހެން ދަރިން އަރިހުގައި ތިބި ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.
ޑެވިނާ ޝެފީލްޑަކީ 1970 ގެ އަހަރުތަކުގައި އޭރުގެ ޕްރިންސް އޮފް ވޭލްސް އަދި މިހާރުގެ ރަސްގެފާނު ޗާލްސްއާ ވަރަށް ހާއްސަ ގުޅުމެއް އޮތް ބޭފުޅެކެވެ. އެ ދުވަސްވަރު ޝާހީ އާއިލާގެ ކަންކަން ގާތުން ބަލަމުން ދިޔަ ފަރާތްތަކުންނާއި މީޑިއާތަކުން ވެސް އޭނާ ސިފަކޮށްފައިވަނީ ޗާލްސްގެ ހަޔާތަށް އެންމެ އެކަށޭނަ، އަދި އިނގިރޭސިވިލާތުގެ ކުރިމަގުގެ ރާނީއަކަށް ވުމުގެ ފުރުސަތު އޮތް ބައިވެރިއެއްގެ ގޮތުގައެވެ.
އެ ދުވަސްވަރު މި ދެބޭފުޅުން ވަރަށް ގިނަ އާންމު ހަފްލާތަކުން އެކުގައި ފެނިގެން ގޮސްފައިވާއިރު، ރަސްމީ ދަތުރުތަކުގައްޔާއި ޝާހީ އާއިލާގެ ބައްދަލުވުންތަކުގައި ވެސް ޑެވިނާ ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޝާހީ އާއިލާގެ މަޝްހޫރު ބަލްމޯރަލް ގަނޑުވަރަށް ޒިޔާރަތްކޮށް، އޭރުގެ ރާނީ އެލިޒަބަތުގެ މަންމާފުޅު ކުއީން މަދާގެ ރުހުން ވެސް ޑެވިނާއަށް ލިބުނު ކަމަށް ތާރީހީ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް، މީޑިއާގެ ސަމާލުކަން ބޮޑުވެ، އޭނާގެ ކުރީގެ ޒާތީ ދިރިއުޅުމާ ގުޅޭގޮތުން ނޫސްތަކުގައި ފެތުރުނު ހަބަރުތަކާ ގުޅިގެން 1970 ގެ ފަހުކޮޅުގައި އެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. އޭގެ ފަހުން 1981 ވަނަ އަހަރު ޑެވިނާ ވަނީ ޖޭކް މޯލީ ނަމަކަށް ކިޔާ ބޭފުޅަކާ ކައިވެނިކޮށް، މީޑިއާގެ ލޯތަކާ ދުރުގައި އާންމު ދިރިއުޅުމެއް ވޭތުކުރަން ފަށައިފައެވެ.
ޑެވިނާގެ ވަކިވެދިޔުމާ ގުޅިގެން ޝާހީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ޗާލްސްގެ ކުރީގެ ހަނދާންތައް އާކުރަމުންދާއިރު، އޭނާގެ އާއިލާއިން ވަނީ އޭނާގެ ހަނދާނުގައި ހާއްސަ އިވެންޓެއް ކުރިއަށް އޮތް ނޮވެމްބަރު މަހު ބޭއްވުމަށް ނިންމައިފައެވެ. ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔައި، ހެޔޮ ދުއާތައް ފޮނުވަމުންނެވެ.
