ދިވެހި ގައުމަށް އޮތް އެންމެ ވަރުގަދަ އަދި އެންމެ ރައްކާތެރި އައްޑަނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، އިސްލާމީ ޝަރީއަތުގެ އަސާސްތަކުގައި ސާބިތުވެ ތިބެއްޖެ ނަމަ މި ގައުމު ރޫޅާލައި ނިކަމެތިކޮށްނުލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، ދިވެހީން ގައުމުގެ ދިފާއުގައި ތެދުވި ކޮންމެ ފަހަރަކު ވެސް އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ މަތިވެރި ރޫހާނީ ވިންދުގެ ތެރެއިން ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންނަށް ލިބުނު އިސްލާމީ ހިދާޔަތަކީ ދެ ދުނިޔޭގެ ހަޔާތަށް މާތްﷲ ދެއްވި ވަރަށް ބޮޑު ރަހުމަތެއް ކަމަށެވެ. އަދި ބާތިލު ކަންކަމުގެ އަނދިރިކަމުން ނެރެ، އިންސާނީ ވަންތަކަމުގެ މާތް ހުރުމަތް މި ގައުމަށް ގެނެސްދިނީ އިސްލާމްދީން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ 900 އަހަރު ކުރިން ރާއްޖެއަށް މި މާތް ދީން އައުމުގެ ކުރިން އޮތް ހާލަތާއި، ދީނުގެ ސަބަބުން ގައުމަށް އައި ބޮޑު ބަދަލާ މެދު ވިސްނައި، ކޮންމެ މީހަކު ވެސް ފިލާވަޅު ލިބިގަންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތުން ކޮންމެ އިންސާނަކަށް ވެސް ރައްކާތެރިކަން ކަށަވަރުކޮށްދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދީނީ މިނިވަންކަމާއި ރައްކާތެރިކަމާއި، ދިރިހުރުމުގެ ހައްގާއި، ބުއްދީގެ ރައްކާތެރިކަމުގެ އިތުރުން ކޮންމެ މީހެއްގެ އަބުރާއި އިއްޒަތް ރައްކާތެރިކޮށްދިނުމަކީ މި ދީނުގެ މައިގަނޑު އަސާސްތައް ކަމަށެވެ. އަދި ދީނުގެ ސަބަބުން ފަރުދީ، އިޖުތިމާއީ އަދި ސިޔާސީ ހަޔާތަށް ލިބިގެންދިޔަ ރައްކާތެރިކަމާއި އުފާވެރިކަމަކީ އަންނަން އޮތް ޖީލުތަކަށް ވެސް ފޯރުކޮށްދޭންޖެހޭ މުހިންމު ހަގީގަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގުސަދު ހާސިލުވާނޭހެން އަމަލުކުރާ މުޖުތަމައެއްގައި އޮންނާނީ ބަދަހި އެކުވެރިކަމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ "މިފަދަ އިންސާނީ ޖަމާއަތެއްގައި އޮންނާނީ އެ މީހުންގެ ސަލާމަތާ މެދު އެ މީހުން ވިސްނާ އަމިއްލަ ފާރަވެރިކަމެއް. ސަބަބަކީ އޭގެ ތެރޭން ކޮންމެ މީހަކަށް ވެސް އެނގޭ މިއީ އެއް އާއިލާއެއްކަން. އެއްބައެއްކަން. އޭގެ ތެރޭން ކޮންމެ މީހަކަށް ވެސް އެނގޭ އަނެކާއަށް ލިބޭ ކިތަންމެ ކުޑަވެސް ދެރަޔަކީ ހަމަ ތިމަންނައަށް ވެސް ލިބޭ ދެރައެއްކަން،" ކަމަށެވެ.

ރައްޔިތުންގެ އިލްމާއި ހިންމަތާއި އަދި ދުއާއާ އެކު ދެމިތިބެއްޖެ ނަމަ، އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ނުރައްކަލަކުން ދިވެހި ގައުމު ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ގައުމެއް ރޫޅާލުމަކީ އެއްވެސް ބަޔަކަށް ފަސޭހަކަމަކަށް ނުވާނެ ކަމަށް ވިދާޅުވެ، އިސްލާމްދީނުގެ މި މަތިވެރި ނިއުމަތް އަބަދުވެސް ހަނދާނުގައި ބެހެއްޓެވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.