މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މުޅި ރާއްޖެއަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް އެލާޓް ނެރެ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އަދި ދަތުރުކުރާ ނަމަ ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ފަހު ނޫނީ ދަތުރު ނުފެށުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ދުރާލާ ޗެކްކުރުމަށް ވެސް އެދިފައިވެއެވެ.

މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، މުދާތައް ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެމްއެންޑީއެފުން ވަނީ ހަނދާންކޮށްދީފައެވެ. އަދި އުޅަނދުފަހަރުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ލައިފްޖެކެޓް އަޅައިގެން ދަތުރުކުރުމަށް ވަނީ ބާރުއަޅާފައެވެ.

ކަނޑުމަތީގެ ހަރަކާތްތައް ހިންގާ ފަރާތްތަކަށް އިލްތިމާސްކުރަމުން އެމްއެންޑީއެފުން ބުނީ، ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މި ދުވަސްވަރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. އަދި މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނުވަތަ އޮރެންޖު އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އަންގާފައެވެ.

ވިއްސާރައިގައި ކަނޑުމަތީގެ އެކި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވެފައިވާތީ، ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި އެހީތެރިކަން ހޯދުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.