ދިވެހިން އިސްލާމްދީން ބަލައިގަތް ފަހުން 900 އަހަރު ފުރިފައިވާއިރު، އަޅުގަނޑުމެންގެ ކާބަފައިން ސާބިތުކޮށްދިނީ ވަރަށް ވަރުގަދަ ފިލާވަޅެއް ކަމަށާއި އެދިވަޑައިގަންނަވަނީ އަބަދުވެސް އެގޮތުގައި ދިވެހިން ދެމިތިބުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ވޭތުވެދިޔަ ދިގު ތާރީހުގައި ރާއްޖެއަށް ތަފާތު އެކި ގޮންޖެހުންތަކާއި އުނދަގޫ ކަންތައްތައް ކުރިމަތިވި ނަމަވެސް، ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވާ ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިޔަނުދީ އެގޮތުގައި ސާބިތުވެ ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިސްލާމްދީނަކީ ރާއްޖޭގެ ގައުމީ ބިންގާ ކަމަށާއި އެއީ ދިވެހި ގައުމިއްޔަތުގެ ވެސް އެންމެ މުހިންމު އަސާސް ކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ. އެހެންކަމުން ދިވެހި ގައުމުގެ ހަގީގީ ބާރާއި ސަލާމަތް ގުޅިފައިވަނީ މި މަތިވެރި ދީނާ ކަމަށް އެމަނިކުފާނު ބަޔާންކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، "އިސްލާމްދީން ދޫކޮށްލައިގެން އަޅުގަނޑުމެންނަކަށް ފަރެއް ނުޖެއްސޭނެ،" ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ ދެމިއޮންނަންވާނީ އިސްލާމްދީނަށް ފުރިހަމައަށް ވަފާތެރި އަދި ތެދުވެރި ގައުމެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖުމާދުލް އާހިރާ މަހުގެ ދެވަނަ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1954 ވަނަ އަހަރު އެވެ. ނަމަވެސް 1967 ވަނަ އަހަރުން ފެށިގެން އެ ދުވަސް ފާހަގަކުރުން މެދުކެނޑިފައި އޮތުމަށް ފަހު، އަލުން ގައުމީ ފެންވަރުގައި އެ ދުވަސް ފާހަގަކުރަން ފެށީ 2،000 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ.
