މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ނެރުނު ވައިޓް އެލާޓުގެ ވަގުތު ދެވަނަ ފަހަރަށް އިތުރުކޮށް، މިރޭ 8:00 އާ ހަމައަށް ދަންމާލައިފި އެވެ. އެންމެ ފުރަތަމަ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ނެރުނު މި އެލާޓުގެ ވަގުތު، ފަހުން މެންދުރުފަހު 2:00 އަށް އިތުރުކުރުމަށް ފަހު އަނެއްކާވެސް މިވަނީ ދަންމާލާފަ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުގެ ތެރޭގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ރޭގެ ވަގުތެއްގައި ވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ހާލަތު ގޯސްވެފައިވަނީ އެންމެ ދެކުނުން އައްޑޫ ސިޓީގަ އެވެ. އެގޮތުން އައްޑޫގެ ބައެއް އަވަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އާންމުންގެ ގެދޮރަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. ހާއްސަކޮށް ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެފައިވާއިރު، ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގެ ބައެއް ސަރަހައްދުތަކަށް ވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން އަސަރުކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އަދި މި ވިއްސާރަ ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުންނާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށާއި، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
