ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އަދި އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި ނުވަ ގަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ލިބިފައިނުވާ ފަހުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގަ އެވެ.

ރައީސްގެ އަނބިކަނބަލުން ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެ މިއަދު ދެކެމުންމިދާ ސުލްހަމަސަލަސްކަމާއި ގައުމީ އެއްބައިވަންތަކަމުގެ މައިގަނޑު ސިއްރަކީ އިސްލާމްދީން ކަމުގައި ފާހަގަކުރެއްވި އެވެ. އަދި މި ދިގު ތާރީހުގައި ދިވެހިން ދަމަހައްޓަމުން އައި އިސްލާމީ އަގުތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ނަމޫނާއެއް ކަމަށް ބަޔާންކުރެއްވި އެވެ.

މެޑަމް ސާޖިދާގެ މެސެޖުގައި ވަނީ، މި މަތިވެރި ނިއުމަތާއި ރަހުމަތް ދިވެހިރާއްޖެއަށް ދެއްވި ކަމަށްޓަކައި ﷲ ގެ ހަޒުރަތަށް ހަމްދާއި ޝުކުރު ތަކުރާރުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ބާއްޖަވެރި މުނާސަބާގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އެކަމަނާ ވަނީ އަރިސްކުރައްވާފަ އެވެ.

އެކަމަނާ ވިދާޅުވީ، "މި މަތިވެރި ނިއުމަތާއި ރަހުމަތް ދިވެހިރާއްޖެއަށް ދެއްވީތީ މާތް ﷲ ގެ ހަޒުރަތަށް ހަމްދާއި ޝުކުރު ތަކުރާރުކުރަމުން، މި ބާއްޖަވެރި މުނާސަބާގެ ތަހުނިޔާ އަރިސްކުރަން" ކަމަށެވެ. މީގެއިތުރުން ދިވެހި ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ވެސް އިސްލާމީ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމުގެ މުހިންމުކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހިރާއްޖެއަކީ އަބަދުވެސް މިނިވަން، އަމާން އަދި އިސްލާމީ ހިދާޔަތުގައި ދެމިއޮތް ގައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދިވަޑައިގެން މާތް ﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވަމުންނެވެ.