އިންޑޮނޭޝިއާގައި 243 މީހުންނާއެކު ދަތުރުކުރި ފަސިންޖަރު ބޯޓެއް މޫސުން ގޯސްވެ ޖާވާ ކަނޑަށް އަޑިއަށް ގޮސް، އޭގެތެރެއިން 140 މީހުން ގެއްލިގެން ހޯދަން ފަށައިފި އެވެ.
"ވާގޯ ޓްރާންސްޕޯޓް 8" ނަމަކަށް ކިޔާ މި އުޅަނދު އަޑިއަށް ދިޔައީ އިރުމަތީ ޖާވާގެ ސުރަބާޔާއިން ފުރައިގެން ދެކުނު ކަލިމަންތާންގެ ބަންޖަރމަސިންއަށް ދަތުރުކުރަމުން ދަނިކޮށް، މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.
އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ކަނޑުގަދަވެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރި އެހެން އުޅަނދުފަހަރުގެ އެހީތެރިކަމާއެކު މިހާތަނަށް ވަނީ 103 މީހަކު ސަލާމަތްކޮށްފަ އެވެ. ނަމަވެސް، ސަލާމަތްކުރެވުނު މީހުންގެ ތެރެއިން އެކަކު ވަނީ ފަހުން މަރުވެފަ އެވެ.
މި ހާދިސާ ހިނގި ވަގުތު ކަނޑުގެ ރާޅުތައް ގާތްގަނޑަކަށް 10 ފޫޓަށް އުފުލިފައިވާ ކަމަށާއި، ބޯޓަށް މައްސަލަތަކެއް ދިމާވެ އަރިއަޅާލި ކަމުގެ މައުލޫމާތު ކެޕްޓަން ވަނީ ކުއްލި ނުރައްކަލުގެ މެސެޖަކުން އަންގާފަ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ގުޅުން ކެނޑި، ބޯޓު ބަންޑުން ޖަހާލައި އަޑިއަށް ހިނގައްޖެ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދެ އެވެ.
މި އޮޕަރޭޝަނާ ބެހޭ ގޮތުން ބަންޖަރމަސިން ސާޗް އެންޑް ރެސްކިއު އޮފީހުގެ ވެރިޔާ ޕުތު ސުދަޔާނާ ބުނީ، "މި އޮޕަރޭޝަނުގައި އަޅުގަނޑުމެން މިދަނީ ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުން، މިފަދަ ކޮންމެ ހާލަތެއްގައި ވެސް އެންމެ އިސްކަމެއް ދެނީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް،" ކަމަށެވެ. އަދި ވައިގެ މަގުންނާއި ކަނޑުމަގުން ނޭވީގެ އެހީތެރިކަމާއެކު ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް އޭނާ ބުންޏެވެ.
ޖުމްލަ 17،000 އަށް ވުރެ ގިނަ ރަށް އެކުލެވޭ އިންޑޮނޭޝިއާގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް އާންމުކޮށް ފެރީ ބޯޓުފަހަރު ބޭނުންކުރެ އެވެ. ނަމަވެސް، ސަލާމަތީ މިންގަނޑުތައް ރަނގަޅަށް ނުބެލެހެއްޓުމާއި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އެ ގައުމުގައި ހިނގުމަކީ ވަރަށް އާންމު ކަމެކެވެ.
