2022ވަނަ އަހަރުގެ ޑަބްލިއުއެމްއޯ ކަލަންޑަރަށް ފޮޓޯ ހުށައެޅުމުގެ މުބާރާތައް ފުރުސަތު ހުޅުވާލައިފިއެވެ.
އެ މުބާރާތަކީ، ކޮންމެ އަހަރަކުވެސް މޫސުމާބެހޭ ދުވަސް ފާހަގަކުރުމަށް ދުވަހުގެ ޝިޢާރަކާގުޅުވައިގެން ޑަބްލިއުއެމްއޯއިން ނެރޭ ކަލަންޑަރަށް ފޮޓޯ ހުށައެޅުމަށް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ފޮޓޯ މުބާރާތެކެވެ. އެގޮތުން ކުރިއަށް އަތް ދުނިޔޭގެ މޫސުމާބެހޭ ދުވަހުގެ ޝިޢާރަކީ Early Warning and Early Action. Hydrometeorological and Climate Information for Disaster Risk Reduction. - ދުރާލާ އިންޒާރު ދިނުމާއި ދުރާލާ ފިޔަވަޅުއެޅުން، ކާރިސީ ހިރާސް ކުޑަކުރުމުގައި ފެންސުމީ އަދި ދިގުމުއްދަތުގެ މޫސުމީ މައުލޫމާތު މިއެވެ.
އެގޮތުން މޫސުމާގުޅޭ ކަންކަމުގެ ބައިނަލްއަޤްވާމީ ޖަމިއްޔާއަކީ ޔުނައިޓެޑް ނޭޝަންސް (ޔޫ އެން) / އެކުވެރި ދައުލަތްތަކުގެ (އ ދ)ގެ މިކަމަށް ހާއްސަކުރެވިފައިވާ ޖަމިއްޔާކަމަށްވާ ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއު އެމް އޯ) ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއެވެ. މި ޖަމިއްޔާ އުފެދުނީ 23 މާރިޗު 1950 ގައެވެ. އަދި 1961 ވަނަ އަހަރުން ފެށިގެން މާރިޗު މަހުގެ 23 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ މޫސުމާބެހޭ ދުވަސް / ވޯލްޑް މީޓިއޮރޮލޮޖިކަލް ޑޭގެ ގޮތުގައެވެ.
ޑަބްލިއު އެމް އޯއިން ބުނެފައިވާ ގޮތުގައި ފައިސާގެ އިނާމެއް ނުލިބުނުކަމުގައި ވީނަމަވެސް، މިމުބާރާތަކީ ފޮޓާ ނަގާ ފަރާތްތަކުގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލަން ލިބޭ ފުރުސަތަކެވެ. އަދި އެހުނަރު ބޭނުންކޮށްގެން މޫސުމީ ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގައި ބައިވެރިވުމަށް ލިބޭފުރުސަތެކެވެ. މިގޮތުން ހޮވާލެވޭ ފޮޓޯތައް ކަލަންޑަރުގައި ހިމެނުމުގެ އިތުރުން ޑަބްލިއު އެމް އޯއާއި އދ.ގެ މީސް މީޑިއާތަކުގައާއި އެކިއެކި ލިޔުންތަކުގައިވެސް ޝާޢިރުކުރެއެވެ. މިއީ ފޮޓޯގްރާފަރުންގެ އިތުރުން ގައުމަށްވެސް ލިބިގެންދާނެ ޝަރަފަކާއި އިޝްތިހާރުވުމެކެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ޑަބްލިއު އެމް އޯގެ ކަލަންޑަރަކީ ވަރަށްވެސް ހާއްސަ ކަލަންޑަރެކެވެ. ކޮންމެ އަހަރެކޭ އެއްގޮތަށް މިކަލަންޑަރަށް މުޅި ދުނިޔެއިން އެކިފަރާތްތަކުން ހުށައެޅި ފޮޓޯތަކުގެ ތެރެއިން މުބާރާތުގެ ފަންޑިޔާރުން ހޮވާލި 50 ފޮޓޯ އާއްމުންގެ ހިޔާލަށް މީސް މީޑިއާގައި ވޯޓަކަށް ހުޅުވާލެވި، އޭގެތެރެއިން 13 ފޮޓޯ ހޮވުނެވެ. މިފަހުރުވެރި 13 ގެ ތެރޭގައި މިކުޑަކުޑަ ރާއްޖޭގެ ކުޅަދާނަ ފޮޓޯގްރާފަރެއެއްގެ ހުނަރު ވިދާލިއެވެ. އެއީ ލ. އަތޮޅުގެ ހިތްގައިމު އިރުއޮށްސޭ މަންޒަރެއްގެ ފޮޓޯ ހުށައެޅި އަހްމަދު ޝުއާއުއެވެ. އެއަހަރުގެ ސިޢާރަކީ އިރާއި ދުނިޔެ އަދި މޫސުމެވެ.
2022 ވަނަ އަހަރުގެ ކަލަންޑަރުގެ މުބާރާތަށް ފޮޓޯ ހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖެހެނީ ޑަބްލިއު އެމް އޯގެ ވެބް ސައިޓުގައިވާ ފޯމެއް ފުރިހަމަކުރުމަށް ފަހު ފޮޓޯއާއެކު ސެޕްޓެމްބަރ މަހުގެ 15ވަނަ ދުވަހުގެ ކުރިން ހުށައަޅާށެވެ. ލިންކް : https://public.wmo.int/en/wmo-2022-calendar-competition
