އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ބޭންކަށް ހުށަހަޅާ ޕާސަނަލް ލޯނުތައް މިއަދުން ފެށިގެން އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ. ގައުމީ ބޭންކުން މި ބަދަލު ގެނެސްފައިވަނީ އެ ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އެކުލަވާލާފައިވާ "އިސްލާމިކް ފައިނޭންސް ފަސްޓް" ސިޔާސަތުގެ ދަށުންނެވެ.
މި ސިޔާސަތުގެ ދަށުން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ހިދުމަތްތައް އިސްލާމިކް އުސޫލަށް ބަދަލުވި ނަމަވެސް، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ބޭންކިން ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ބޭންކުން ވަނީ ހަމަޖައްސައިދީފަ އެވެ. މީގެ އިތުރުން، މިހާރު ހުޅުވާފައިވާ އާންމު އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ވެސް ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ހިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ބީއެމްއެލްގެ އިސްލާމިކް ހިދުމަތްތައް ފުޅާކުރުމަށް ފެށި މަސައްކަތުގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ހުރިހާ ބްރާންޗެއް ވަނީ އިސްލާމިކް ބޭންކިން ބްރާންޗްތަކަކަށް ބަދަލުކޮށްފަ އެވެ. އަދި ބޭންކުގެ އިސްލާމިކް ބޭންކިން ފަންޑުތައް ބަލަހައްޓަނީ ކޮންވެންޝަނަލް ފަންޑުތަކާ މުޅިން ވަކިން، އިންޓަނޭޝަނަލް އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިން ތައާރަފުކުރި ފަހުން ވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި އެ ހިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި "މިއަދު މި ފެށުނު މަސައްކަތަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިން ހިދުމަތްދެމުން އަންނަ ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑު ހިމެނޭހެން، އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމަށް އެ ބޭންކުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ބުންޏެވެ.
