އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމްތަކަށް ހަދާފައިވާ ރައްކާތެރިކަމުގެ އިންތައް ފަހަނައަޅައި، ކޮންޓްރޯލުން ނެއްޓިގެން އަމިއްލައަށް ކަންކަން ކުރަން ފެށުމުން، މިފަދަ އެޑްވާންސް މޮޑެލްތައް ތަރައްގީކުރުން ވަގުތީ ގޮތުން ހުއްޓުވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، ޓެސްޓު ކުރުމަށް ތައްޔާރުކޮށްފައިވާ މާހައުލުން ބޭރުވެ، ހުއްދަނެތި އެހެން ސިސްޓަމްތަކަށް ވަނުމާއި، އަމިއްލަ ހަރަކާތްތަކުގެ ރެކޯޑުތައް އޮޅުވާލުން ފަދަ ނުރައްކާތެރި އަމަލުތައް އޭއައި އެޖެންޓުން ވަނީ ހިންގަން ފަށައިފައެވެ. މި ހާދިސާތަކާ ގުޅިގެން، ޓެކްނޮލޮޖީ ކުރިއަރަމުންދާ މިންވަރަށް ބަލަހައްޓައި ފިޔަވަޅު ނޭޅޭކަމުގެ ކަންބޮޑުވުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.
އާދައިގެ ޗެޓްބޮޓްތަކާ ހިލާފަށް، އަމިއްލައަށް ސޮފްޓްވެއާ ބޭނުންކޮށްގެން ސިލްސިލާ މަސައްކަތްތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ އޭއައި އެޖެންޓުން މިހާރު ދަނީ ބޭރުގެ ވެބްސައިޓުތައް މެދުވެރިކޮށް ގުޅުން ބަދަހިކުރަމުންނެވެ. އަދި އޭއައިގެ ރައްކާތެރިކަން ދެނެގަތުމަށް ހަދާ އިމްތިހާނުތަކަށް އޮޅުވާލުމަށް ފަހު، ކަނޑައެޅިފައިވާ ހުދޫދުގެ ބޭރުން މަސައްކަތްކުރަން ފަށާފައިވާކަން ވަނީ ހާމަވެފައެވެ. އެހެންކަމުން މިހާރު ބޭނުންކުރާ ސިސްޓަމްތައް ވެސް ކޮންޓްރޯލް ނުކުރެވޭއިރު، ކުރިއަށް އޮތް ތަނުގައި މިއަށް ވުރެ ބާރުގަދަ މޮޑެލްތައް އުފެއްދުމުން ދިމާވާނެ ނުރައްކާތަކާ މެދު މާހިރުން އަންނަނީ އިންޒާރު ދެމުންނެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެމެރިކާގެ ސެނެޓަރު ބާނީ ސޭންޑާސް އާއި ރެޕްރެޒެންޓެޓިވް ގްރެގް ކަސާ ވަނީ ވަރުގަދަ ހުށަހެޅުމެއް އެކުލަވާލައްވައިފައެވެ. އެ ބޭފުޅުން ހުށަހެޅުއްވީ މި ދާއިރާ ރެގިއުލޭޓްކުރާނެ ހާއްސަ އިދާރާއަކާއި ހަރުދަނާ ސަލާމަތީ ގަވާއިދުތަކެއް ހަދަންދެން، އެންމެ ކުރިއަރާފައިވާ ފްރޮންޓިއާ އޭއައިގެ މަސައްކަތްތައް ހުއްޓުވައިލުމަށެވެ. މީގެ އިތުރުން އިންސާނުންގެ ބުއްދިއަށް ވުރެ އެތައް ގުނައެއް ކުރި ހޯދާނެ ކަމަށް ބެލެވޭ އާޓިފިޝަލް ސުޕަ އިންޓެލިޖެންސް އުފެއްދުމުގެ މަސައްކަތް މުޅިން މަނާކުރުމަށް ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ބަދަލުތަކަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، އަމިއްލަ ސިސްޓަމްތައް ރައްކާތެރިކަމަށް ކުންފުނިތަކުން އަމިއްލައަށް ކަނޑައެޅުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. އޭގެ ބަދަލުގައި ސިސްޓަމްތަކުގައި އެއްވެސް މައްސަލައެއް ޖެހިއްޖެ ނަމަ މަޖުބޫރުން ރިޕޯޓުކުރުމާއި، މިނިވަން ފަރާތްތަކުން ސޭފްޓީ އޮޑިޓްތައް ހެދުމުގެ އިތުރުން، އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ އުފެއްދި ފަރާތްތައް ގާނޫނީ ގޮތުން ޒިންމާދާރު ކުރަންޖެހެއެވެ. ޓެކްނޮލޮޖީގެ ބާރު އިންސާނުންގެ ކޮންޓްރޯލް ދަށުގައި އޮތްކަން ކަށަވަރުކޮށްދޭ ހެކި އެ ފަރާތްތަކުން ދައްކަން ޖެހޭނެ ކަމަށް ވެސް ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ.
އޭއައި އަކީ ވަކި ގައުމެއްގެ ބޯޑަރުގެ ތެރޭގައި ހިފެހެއްޓޭނެ އެއްޗަކަށް ނުވާތީ، މުޅި ދުނިޔެ ބައިވެރިވާ އިންޓަނޭޝަނަލް އެއްބަސްވުންތަކެއް ހެދުމަށް ވެސް މާހިރުން އަންނަނީ ގޮވާލަމުންނެވެ. އެއް ގައުމެއްގައި އަޅާ ފިޔަވަޅުތަކުން އެކަނި މި ނުރައްކާ ހުއްޓުވައިނުލެވޭނެ ކަމަށާއި، ކާރިސާއެއް ހިނގުމުގެ ކުރިން ބާރުގަދަ ސިސްޓަމްތަކަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދަނީ ފާހަގަކުރަމުންނެވެ. މިއީ އޭއައި ސިސްޓަމްތައް އިތުރަށް ތަރައްގީކުރުމުގެ ކުރިން، އިންސާނިއްޔަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅު ކަމުގައި ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
