ކޮންމެ ދުވަހަކު ޓޮމާޓޯ ޕޭސްޓު ބޭނުންކުރުމަކީ މީހާގެ ސަމާލުކަމާއި ހަނދާން ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސްޕެއިންގައި ކުރިއަށްގެންދިޔަ ކްލިނިކަލް ދިރާސާއަކުން ދައްކައިފިއެވެ. ސިއްހީ ދާއިރާގެ ދިރާސާތައް ޝާއިއުކުރާ މަޖައްލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިން މަސް ދުވަސް ވަންދެން ގަވާއިދުން އޮލަކޮށް ހުންނަ ޓޮމާޓޯ ޕޭސްޓު ކެއުމުގައި ބޭނުންކުރި ބޮޑެތި މީހުންގެ ސަމާލުކަން ދިނުމުގެ ގާބިލުކަމާއި، މީހުންގެ މޫނާއި ނަންތައް ގުޅުވައިގެން ހަނދާނުގައި ބެހެއްޓުމުގެ ހުނަރު ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.
އުމުރުން 40 އަހަރާއި 55 އަހަރާ ދެމެދުގެ 42 މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގައި، ބައިވެރިން ވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ތަފާތު ދެ ކެއުމެއް ތަޖުރިބާކޮށްފައެވެ. އެއީ ޓޮމާޓޯ ޕޭސްޓު އެކުލެވޭ ޑައިޓަކާއި، ޓޮމާޓޯގައި އެކުލެވޭ މާއްދާތައް މަދު ކެއުމެކެވެ. މި ދިރާސާގައި ބައިވެރިވި މީހުން ކޮންމެ ދުވަހަކު ބޭނުންކުރަން ޖެހުނު ޓޮމާޓޯ ޕޭސްޓުގެ މިންވަރު ކަނޑައެޅީ އެ މީހެއްގެ ބަރުދަނަށް ބަލައިގެންނެވެ. އެގޮތުން 70 ކިލޯގެ ބަރުދަން ހުރި މީހަކަށް ދުވާލަކަށް ދިނީ ގާތްގަނޑަކަށް 35 ގްރާމްގެ ޓޮމާޓޯ ޕޭސްޓެވެ.
ޓޮމާޓޯ ޕޭސްޓު ބޭނުންކުރި މަރުހަލާއަށް ފަހު ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި، ބައިވެރިންގެ ވިސްނުމުގެ ދުވެލި އަވަސްވެ، ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. މީގެ އިތުރުން ޓޮމާޓޯއަށް ރަތް ކުލަ ގެނެސްދޭ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ލައިކޮޕީން އެކުލެވޭ މިންވަރު އެ މީހުންގެ ލޭގައި މަތިވެފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. ހަމައެއާއެކު މި ދިރާސާގެ ތެރެއިން ބައެއް މީހުންގެ ސިކުނޑީގެ ސްކޭންތަކެއް ހަދައި ބެލިއިރު، ސިކުނޑީގެ އެކި ބައިތައް ގުޅިގެން މަސައްކަތްކުރާ ގޮތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ވަނީ ފެނިފައެވެ.
މި ހޯދުންތަކާ އެކު ވެސް، ދިރާސާކުރި ފަރާތްތަކުން ބުނީ މި ސްކޭންތަކަކީ ވަރަށް މަދު ބަޔަކު ބައިވެރިކޮށްގެން ހޯދި ހޯދުންތަކެއް ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ސިކުނޑި އިތުރަށް ދުޅަހެޔޮވި ކަމަށް ނުވަތަ މާ ބޮޑު ކުރިއެރުމެއް ސިކުނޑީގެ ނިޒާމަށް ލިބުނު ކަމަށް ސީދާ ނިންމެން ނެތް ކަމަށް ވެސް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ކެއުމަށް މި ބަދަލު ގެނައީ ކޮން ބައެއްކަން ބައިވެރިންނަށް ކުރިން އެނގިފައި އޮތުމަކީ ވެސް ޓެސްޓުތަކުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
ޓޮމާޓޯގައި ގިނަ އަދަދަކަށް އެކުލެވޭ ލައިކޮޕީން މާއްދާގެ ސަބަބުން މި އެދެވޭ ބަދަލު އައި ކަމަށް ބެލެވުނު ނަމަވެސް، ޓޮމާޓޯގައި އެހެން އެތައް މާއްދާތަކެއް ވެސް ހިމެނޭކަން ސައިންސްވެރިން ފާހަގަކުރެއެވެ. އެހެންކަމުން މިއީ ކެއުމުގައި ބޭނުންކުރާ އެންމެ މާއްދާއެއްގެ ސަބަބުން ވީ ކަމެއްކަން ކަށަވަރުކުރުމަށާއި، މި ބަދަލުތަކުގެ އަސަރު އާންމު ދިރިއުޅުމުގެ ވިސްނުމާއި ހަނދާނަށް ދިގު މުއްދަތަކަށް ފޯރާތޯ ދެނެގަތުމަށްޓަކައި، މިއަށް ވުރެ ފުޅާ ދާއިރާއެއްގައި އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރެފަރެންސް:
Study Title: "Tomato Intake Improves Cognitive Performance and Modulates Functional Brain Networks in Healthy Adults: A Randomized Crossover Clinical Trial"
Journal: Antioxidants
