ދިވެހި ދައުލަތަށާއި ސިފައިންގެއަށް 46 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި، މ. މާކަރީ، އަހުމަދު މަނިކު (ޖާދޫ އަހުމަދު މަނިކު) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހޫމްގެ އާއިލާއަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އަހުމަދު މަނިކަކީ ދިވެހި އަސްކަރިއްޔާގެ އިތުރުން ދައުލަތުގެ އެކި ދާއިރާތަކަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ވަނީ 46 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ. އަދި އޭނާ ކޮށްދެއްވި އިހުލާސްތެރި ގައުމީ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ވަނީ އޭނާއަށް އަރުވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދައުލަތަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި އަހުމަދު މަނިކު ނިޔާވުމުގެ ހިތާމައިގައި އާއިލާއާ އެކު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މި ފުން ހިތާމައިގެ ވަގުތުގައި އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރުހޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް އަހުމަދު މަނިކަށް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސް ވަނީ ހެޔޮ ދުއާ ކުރައްވައިފައެވެ. އޭނާ ނިޔާވުމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް އަންނަނީ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
