އެޕަލް ކުންފުނިން އަލަށް ތައާރަފުކުރި އައިފޯން 18 ގެ އާ "ބާގަންޑީ" ކުލައަކީ ބޮލީވުޑްގެ ފިލްމު 'އެނިމަލް' ގައި ބަތަލާ ތްރިޕްތީ ޑިމްރީ ފެނިގެންދިޔަ މަންޒަރަކުން ހިޔާލު ހޯދައިގެން ގެނައި ކުލައެއް ކަމަށް އެ ކުންފުނީގެ އާ ސީއީއޯ ޖޯން ޓާނަސް ކަށަވަރުކޮށްދެއްވައިފިއެވެ. އައިފޯން 18 ބާޒާރަށް ނެރުމަށް ބޭއްވި ހާއްސަ ހަފުލާގައި މިކަން ހާމަކުރެއްވި އިރު، މިއީ އެޕަލް ފަދަ ދުނިޔޭގެ ބޮޑު ޓެކް ކުންފުންޏަކުން އުފެއްދުމެއްގެ ޑިޒައިނަށް ބޮލީވުޑްގެ ސިނަމާއިން ސީދާ ހިޔާލު ހޯދިކަން އިއުލާނުކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ޓިމް ކުކްގެ ބަދަލުގައި އެޕަލްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޖޯން ޓާނަސް މިކަން ހާމަކުރެއްވީ އެޕަލް ޕާކުގައި ބޭއްވި އިވެންޓުގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އައިފޯން 18 އަށް އަލަށް ގެނައި މި ހިތްގައިމު ރަތް-ދަނބު ކުލަ ނުވަތަ ބާގަންޑީ ކުލަ ފަރުމާކުރުމަށް އެންމެ ބޮޑު ބާރަކަށް ވީ ފިލްމު 'އެނިމަލް' ގައި ތްރިޕްތީ ގެނެސްދިން ހާއްސަ މަންޒަރެކެވެ.

އެކުލަ ހޯދީ ފިލްމުގައި ތްރިޕްތީ ކަރުދަށުގައި ހުރި ލަވް ބައިޓްތަކުގެ ކުލައާށް ބަލައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއާ އެކު މި ކުލަ ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޑިޒައިނަކަށެވެ.

މި ހަފުލާގައި އިންޑިއާގެ މަޝްހޫރު ބަތަލާ ތްރިޕްތީ ޑިމްރީ ވެސް ވަނީ އެޕަލްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އެޕަލް ޕާކުގައި ބައިވެރިވެފައެވެ.

އާ ސީއީއޯ ޖޯން ޓާނަސް ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާ އެކު ފަންނުވެރިކަމާއި ސަގާފީ ކަންކަމުން ހިޔާލު ހޯދައިގެން އުފެއްދުންތައް ބައްޓަންކުރުމަކީ އެޕަލް އިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ބޮލީވުޑް ފަދަ ބޮޑު އިންޑަސްޓްރީއެއްގެ ނުފޫޒު މިފަހަރުގެ އުފެއްދުމުން ފެނިގެން ދިއުމަކީ އާންމުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ސަބަބެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އާ ސީއީއޯގެ ދައުރުގައި ނެރުނު ފުރަތަމަ އައިފޯނަށް މިފަދަ ހާއްސަ އަދި ތަފާތު ބަދަލުތަކެއް ގެނައުމާ ގުޅިގެން، ޓެކްނޮލޮޖީ ދާއިރާގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ސަމާލުކަން ވެސް މިހާރު ވަނީ މި ފޯނަށް ހުއްޓިފައެވެ. އަދި ބޮލީވުޑްގެ ނުފޫޒު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ބާޒާރަށް ވަދެގެން ދިއުމަކީ އިންޑިއާގެ ސިނަމާއަށް ލިބުނު ބޮޑު ފަހުރެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.