ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކޮށް ނެރުނު މައުލޫމާތުގައެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު، ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ވައިގެ ބާރުމިން ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކުގައި ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ހުޅަނގުދެކުނާއި ހުޅަނގުން ވައިޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އޮފީހުން ފާހަގަކުރެއެވެ. ވައިގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތަކުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އެ ސަރަހައްދުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެ ސަރަހައްދުގެ ރާޅުތައް ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް ވެސް ބުނެފައިވެއެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެތީއާއި، ވިލާގަނޑުގައި ވައިބާރުވާނެތީ ކަނޑުދަތުރުފަތުރު ކުރައްވާ އެންމެހައި ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޮފީހުން ވަނީ ހަނދާންކޮށްދީފައެވެ.
