ރާއްޖޭގައި ގަވައިދާ ހިލާފަށް ހިންގާ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް ވަރުގަދަކޮށް، އެފަދަ ކަންކަމުގައި ބައިވެރިވާ ބިދޭސީންނާއި ދިވެހިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިހުސާން ވިދާޅުވީ، ބޭރު ފައިސާގެ ގާނޫނަށް ދާދި ފަހުން ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީންގެ މައްސަލަތައް ދެނެގަތުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރާ ފަރާތްތައް ރިޕޯޓުކުރުމަށް ސަރުކާރުން ހާއްސަ ހޮޓްލައިނެއް ގާއިމުކޮށްފައިވާއިރު، އެ ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތުގެ އަލީގައި މިހާތަނަށް ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރާ 12 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.
މިގޮތުން ފާހަގަކުރެވުނު މީހުންގެ ތެރެއިން 9 މީހަކު މިހާރު ތިބީ ޑިޓެންޝަނުގައި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެމީހުންގެ ކަންކަމާ މެދު މިއަށް ވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ފުޅާ ދާއިރާއެއްގައި މިކަމުގެ ތެރޭގައި އުޅޭ ފަރާތްތައް ތަހުގީގުގެ ތެރެއިން ފާހަގަކުރެވޭ ވަރަކުން ފިޔަވަޅު އަޅަމުން ގެންދާނަން. އެމީހުން ދިވެއްސެއްގެ ނިވާފަތްގަނޑުގައި ތިބޭ ކަމަށްވާ ނަމަ، ދިވެހި މީހާއާ ދޭތެރޭގައި ވެސް ފިޔަވަޅު އަޅަމުން ގެންދާނަން،" ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާއިރު، ދިވެއްސެއްގެ ނިވަލުގައި ތިބެގެން ޑޮލަރުގެ ކަޅު ބާޒާރު ހިންގާ ބިދޭސީންނާއި، އެފަދަ ފަރާތްތަކަށް ހިމާޔަތްދޭ ދިވެހިންނާ ދެކޮޅަށް ވެސް ގާނޫނީ ފިޔަވަޅު އަޅައި، މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
