އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު މަޝްހޫރު މޭކަޕް އާޓިސްޓަކަށް ވެއްޖެއެވެ. ނައިޖީރިއާއަށް އުފަން އިޒޮބޯ މައިކަލް މޭކަޕްގެ ދާއިރާއިން މަޝްހޫރުވަނީ މިކީ ބަންޓީގެ ނަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ އެންމެ ފުރަތަމަ މޭކަޕް ކުރަން ފަށާފައިވަނީ އޭނާގެ އުމުރުން ގާތްގަނޑަކަށް 7 އަހަރުގައެވެ. އެއީ އޭނާގެ މަންމައަށް އެހީތެރިވެދޭން އުޅުމުގެ ތެރޭގައެވެ. މައިކަލްގެ މަންމަ އަކީ އެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ މޭކަޕް އާޓިސްޓެކެވެ.

މައިކަލްގެ އުމުރުން 10 އަހަރުގައި އޭނާ ވަނީ ގަވައިދުން މޭކަޕް ކުރަން ފަށާފައެވެ. ސުކޫލަށް ކިޔަވަން ދިއުމަށްފަހު ލިބޭ ހުސްވަގުތުގައި އޭނާގެ މަންމަ އާއި އެކު އޭނާގެ މަންމަގެ ސެލޫންގައި މަސައްކަތް ކުރެއެވެ.

މަޝްހޫރު މީޑިއާއެއް ކަމަށްވާ ބީބީސީ އަށް މައުލޫމާތުދެމުން މައިކަލް ބުނީ މޭކަޕް ކުރަން ފެށުމުން ވަރަށްގިނަ ބައެއްގެ މަލާމާތް ރައްދުވިކަމަށެވެ. އެހެނީ މައިކަލް އަކީ ފިރިހެން ކުއްޖަކަށް ވީމައެވެ. އެތައް ދުވަހެއްވީ އެކުވެރިންވެސް އޭނާ ދޫކޮށްފައި ދިޔަކަމަށާއި ސުކޫލު ތެރެއިން ހަނގާކުރުމާވެސް ކިތަންމެ ފަހަރަކު ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭނާ އިތުރަށް ބުނީ އޭނާގެ ބައެއް ޓީޗަރުންވެސް އެކަން ހުއްޓާލުމަށް އޭނާކައިރި ތަކުރާރުކޮށް ބުނަމުން ދިޔަކަމަށެވެ.

އެހެނަސް މައިކަލްގެ ހިތުގައި މޭކަޕްކުރުމަށް ހުންނަ ޝައުގުވެރިކަމުގެ ބޮޑުކަމުން އެފަދަ ފަރާތްތަކުން ދައްކާ އެއްވެސް ވާހަކައަކަށް އޭނާ ނުބަލައެވެ. ހިތްވަރާއި ބުރަ މަސައްކަތުން މިއަދު މައިކަލް އަކީ ގިނަ ބައެއްގެ މާޝްހޫރުކަން ލިބިފައިވާ މޭކަޕް އާޓިސްޓެކެވެ. މިއަދު މައިކަލް ބުނެލަން އޮތް ވާހަކައެއް ކަމަށް އޭނާ ފާހަގަކުރަނީ، ފިރިހެނުން ކުރާ ކަންކަން އަންހެނުން ކުރަމުންދާ ޒަމާނެއްގައި އަންހެނުން ކުރާ ކަމެއް ފިރިހެނަކު ކުރުމަކުން އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.

ބީބީސީގެ އިންޓަވިއުއަށް ފަހު އޭނާގެ މަޝްހޫރުކަން އިތުރުވެ މީސްމީޑިއާގައި އޭނާއަށް ވަރަށްގިނަބަޔަކު ވަނީ ތައުރީފްކޮށްފައެވެ.