ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ސަގާފީ ވާދަ" މުބާރާތުގެ އެއްވަނައަށް 75،000 ރުފިޔާގެ ފައިސާގެ އިނާމަކާ އެކު، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ. މި މުބާރާތަކީ ދިވެހި ސަގާފަތުގެ މުއްސަނދިކަން ދިރުވައި އާލާކުރުމަށާއި، ސަގާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި އަހަރުގެ ސަގާފީ ވާދައިގައި ދިވެހިންގެ ސަގާފީ އެކި ކުޅިވަރުތަކާއި ހުށަހެޅުންތައް ދައްކާލުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ. އޭގެ ތެރޭގައި ބަނޑިޔާ ޖެހުމާއި، ލަނގިރި ޖެހުމާއި، ތާރަ ޖެހުމުގެ އިތުރުން ދަނޑި ޖެހުމާއި މާފަތި އަދި ފަތިގަނޑު ޖެހުން ފަދަ ސަގާފީ ހަރަކާތްތައް ހިމެނެއެވެ.

ބީސީސީ އިން ބުނީ މި މުބާރާތަކީ ސަގާފީ ފަންނުވެރިކަމުގެ ދާއިރާއިން ވާދަވެރިކަން އުފައްދައި، ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ދިވެހި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ވާސިލުކޮށްދިނުމަށް ބާރަކަށް ވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި މުބާރާތުގެ ވަނަތަކަށް ބަލާއިރު އެއްވަނައަށް 75،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ދެވަނައަށް 50،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ޓީމަކަށް ހޮވޭ ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ވެސް ބީސީސީން މައުލޫމާތު ދެއެވެ.

މި ސަގާފީ ވާދައިގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ އެންމެ ފަހު ތާރީހަކީ 17 ސެޕްޓެމްބަރު 2026 އެވެ. މުބާރާތުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް ބީސީސީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށް އެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.