މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މާކެޓުގައި ހުރި ރޭޓަށް ވުރެ ދަށަށް ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފެށިއިރު، މާކެޓުގައި އާޓިފިޝަލް ރޭޓްތަކެއް ގެންގުޅޭ ކަމާއި ރަސްމީ ރޭޓުގައި މުއާމަލާތް ނުކުރާކަން ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް، އެކަން ހައްލުކުރުމަށް ފެށި ހަރުދަނާ މަސައްކަތްތަކާ އެކު މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް އަޅުގަނޑުމެނަށް މި މައުލޫމާތު ލިބެނީ،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ޑޮލަރުގެ އަގު ދަށްކުރުމަށް މިހާތަނަށް އެޅި ފިޔަވަޅުތަކުން ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށާއި، މި މަސައްކަތް ފެށިއިރު މާކެޓުގައި ޑޮލަރުގެ އަގު ހުރީ ވަރަށް މަތީގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ. މި ބަދަލަކީ ގައުމުގެ އިގްތިސާދަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެއިތުރުން، ބޭރު ފައިސާއިން އާމްދަނީ ހޯދާ ފަރާތްތަކުން މި މައްސަލަ ހައްލުކުރުމަށް ސަރުކާރާ އެކު ވަރަށް ގާތުން މަސައްކަތްކޮށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމަމަގަށް އެޅުވުމަށާއި ޑޮލަރުގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.