ސާފިން ފެޑެރޭޝަން އޮފް ސްރީ ލަންކާއިން އިންތިޒާމުކޮށްގެން އެ ގައުމުގެ އާރުގަމް ބޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްސް 2026 ގެ އޯޕަން އަންހެން ކެޓަގަރީގެ އެއްވަނަ ހޯދައި، ރާއްޖޭގެ ގައުމީ ޓީމުގެ އުމުރުން އެންމެ ނުވަ އަހަރުގެ ރާޅާއެޅުންތެރިޔާ އާލިޔާ ލަތީފް ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާކާރު އަދި އުމުރުން ދޮށީ އެތުލީޓުންނާ ވާދަކޮށް އާލިޔާ މި ހޯދި ރަން ވަނައަކީ، އޭނާގެ ކެރިއަރުގައި އިންޓަނޭޝަނަލް މައިދާނުގައި ހޯދި ފުރަތަމަ ޗެމްޕިއަންކަމެވެ.

ވާދަވެރި ހީޓުތަކަކަށްފަހު ފައިނަލުގައި މޮޅު ކުޅުމެއް ދައްކައި އާލިޔާ މި މުބާރާތުގެ އެއްވަނަ ހޯދިއިރު، ދެވަނަ ލިބުނީ ލަންކާގެ މިދިޔަ އަހަރުގެ ޖޫނިއާ އަންހެން ޗެމްޕިއަން ސަޔުނީ އަންޖަނާއަށެވެ. އަދި މި ކެޓަގަރީގެ ތިންވަނަ ހޯދާފައިވަނީ، ޔޫރަޕްގެ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުން އަންނަ ސްވިޒަލެންޑުގެ އެތުލީޓު ކެމީލް އެޓާއެވެ.

މިއީ އިންޓަނޭޝަނަލް މުބާރާތެއްގެ އޯޕަން ބައިން އާލިޔާ ހޯދި ފުރަތަމަ ކާމިޔާބީ ކަމުގައި ވިޔަސް، އޭނާއަކީ ގައުމީ ފެންވަރުގައި ވެސް އާދަޔާހިލާފު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ އެތުލީޓެކެވެ. އެގޮތުން 2025 ވަނަ އަހަރު ރާއްޖޭގެ ސާފިން އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ ގައުމީ ޖޫނިއާ މުބާރާތުގެ 18 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އާލިޔާ ހޯދީ އުމުރުން އެންމެ އަށް އަހަރުގައެވެ.

އެ މުބާރާތުގެ ފައިނަލް ހީޓުގައި 10.23 ޕޮއިންޓް ހޯދައިގެން އާލިޔާ ވަނީ ރާއްޖޭގެ އަންހެން ރާޅާއެޅުމުގެ ތާރީހުގައި އާ ސަފުހާއެއް އެ ދުވަސްވަރު ވެސް ލިޔެފައެވެ. އެހެންކަމުން، މިފަހަރުގެ ކާމިޔާބީއަކީ އޭނާގެ ހުނަރު އިތުރު ހަރުފަތަކަށް ޖެހިލައި، އިންޓަނޭޝަނަލް ފެންވަރުގައި ވެސް ވާދަކުރެވޭނެ ފެންވަރު ހުރިކަން ސާބިތުކޮށްދިން މުހިންމު ހެއްކެކެވެ.

އުމުރުން އެންމެ ނުވަ އަހަރުގައި، ބޭރު ގައުމެއްގެ އޯޕަން ކެޓަގަރީން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭނެ ވަރަށް ބޮޑު ފަހުރެކެވެ. މި ކާމިޔާބީއާއެކު އާލިޔާ ވަނީ ރާއްޖޭގެ އަންހެން ސާފިންގެ މުސްތަގުބަލު އުޖާލާކަން ދުނިޔެއަށް ހާމަކޮށްދީފައެވެ.