ރާއްޖޭގެ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެއްޖެ އެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު މީޑިއާއަށް ދެއްވި ބަޔާނުގައި، މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމް އެވެ.

ރާއްޖެއަށް ބޭނުންވާ މި ފެސިލިޓީއާ ގުޅޭގޮތުން މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ ބޭންކް ނެގާރާ މެލޭޝިއާއަށް އިޖާބަދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުއިއްޒު ވަނީ މީގެ ކުރިން ސިޓީފުޅެއް ފޮނުއްވާފަ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް މި ފެސިލިޓީ ދިނުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ މަސައްކަތްތައް އެންމެ އަވަސް ދުވެލީގައި ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ މަރުކަޒީ ބޭންކު ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ދެ ގައުމުގެ ވެރިންގެ ދެމެދުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މެލޭޝިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ދިމާވާ ވިސާގެ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުންނާއި، ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ކުއާލަލަމްޕޫރުގައި ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން ބޭއްވުމަށް ވެސް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.

ރާއްޖޭގައި ތެޔޮ ނުވަތަ މިނަރަލް ހޯދުމުގެ ދިރާސާތައް ކުރުމުގައި މެލޭޝިއާގެ ޕެޓްރޯނަސް ކުންފުނީގެ އެހީތެރިކަން ހޯދުމަށް ރައީސް ޑރ. މުއިއްޒު ވަނީ ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުއްވުމާ ގުޅޭގޮތުން އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގެ ޕްރައިމް މިނިސްޓަރު ވަނީ ފަލަސްތީނާއި ގައްޒާގެ ރައްޔިތުންގެ ހައްގުގައްޔާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ސާބިތު ސިޔާސަތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ.