ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ދިފާއީ ދާއިރާއިންނާއި އިސްލާމީ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމު ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމްގެ ހާޒިރުގަ އެވެ.

މެލޭޝިއާގެ ޕްރައިމް މިނިސްޓަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ސޮއިކުރެވުނީ ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގަ އެވެ. މި އެއްބަސްވުމުގެ ދަށުން، ދިފާއީ ދާއިރާގެ އެކި ކަންކަމުގައި މުއާމަލާތްކުރުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ހާއްސަ އޮނިގަނޑެއް އެކުލަވާލެވޭނެ އެވެ.

ދެވަނަ އެއްބަސްވުމެއްގެ ގޮތުގައި ސޮއިކުރެވުނީ އިސްލާމްދީނުގެ ކަންކަމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާއެއްގަ އެވެ. މި އެއްބަސްވުމުގެ ސަބަބުން އިސްލާމީ ކަންކަމުގައި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުވެ، އެކުގައި މަސައްކަތް ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.

މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ޕްރައިމް މިނިސްޓަރު ރާއްޖެއަށް ކުރައްވާ ވަރަށް މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަށް އިތުރު ބަދަހިކަމެއް ލިބިގެންދާނެ އެވެ.

މީގެ އިތުރުން، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިމަގުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.