ޓޫރިޒަމާއި މަތީ ތައުލީމުގެ ދާއިރާ ހިމެނޭހެން އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖެއާއި މެލޭޝިއާއާ ދެމެދު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.
މިއަދު ނިވާ ކުރުނބާ ރިސޯޓުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ޕްރައިމް މިނިސްޓަރަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ އެކުވެރި ގުޅުމަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގެ މައިގަނޑު އެއް އަމާޒަކަށްވީ ދެ ގައުމުގެ މެދުގައި މުހިންމު ދާއިރާތަކުން ގުޅުން ވަރުގަދަކުރުމެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާ ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ.
މީގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ހަރުދަނާކުރުމަށާއި، ތައުލީމީ ގޮތުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ހިޔާލު ބަދަލުކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
މެލޭޝިއާގެ ޕްރައިމް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.
