ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ވަކި ފަރުދެއްގެ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ގައުމާއި ގައުމިއްޔަތު އަދި ދީނާއި ސަގާފަތް އިސްކުރާ ޒިންމާދާރު ޕާޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުންދާ ގޮތް އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވަކި އިމެއް ނެތި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ގައުމުގައި ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ އެއްވެސް ނުރަނގަޅު ކަމެއް ޕާޓީގެ ބަދަހި ލަޝްކަރުގެ ތެރެއަށް ވެއްދުމަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް އަލިއަޅުއްވާލައްވަމުން، ޕީއެންސީއަކީ ވަކި މީހެއްގެ ފަހަތުން ދުވާ ޕާޓީއަކަށް ނުވެ، އެންމެ ފުރަތަމަ ގައުމުގެ މަސްލަހަތު އިސްކުރާނެ ބައެއްގެ ގޮތުގައި ދެމިއޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީގެ ކަންކަން އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. މި ބައްދަލުވުމުގައި ޕާޓީގެ ކުރިމަގާ ގުޅޭ މުހިންމު ސިޔާސަތުތައް ނިންމުމުގެ އިތުރުން، ޕީއެންސީގެ ނައިބު ރައީސުން ހޮވުމުގެ އިންތިހާބު ވެސް ކުރިއަށްދާނެ އެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު މިހާރު 80,000 އާ ގާތްކުރާ ކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއަދު ޕީއެންސީ ވެފައިވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކަމަށެވެ. އަދި ޕާޓީއަށް މި ލިބުނު ކުރިއެރުމާއެކު، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ޒިންމާދާރުކަމާއެކު ސަރުކާރަށް އެއްބާރުލުން ދިނުމުގައި ޕާޓީ ސާބިތުވެ އޮންނާނެ ކަމަށް ވިދާޅުވި އެވެ.
