ދިވެހިރާއްޖޭގެ ކަނޑުގެ އަޑިން ތެލާއި އެހެނިހެން މައުދަންތައް ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމަށް މެލޭޝިއާގެ މަޝްހޫރު ހަކަތަ ކުންފުނި ޕެޓްރޯނަސްގެ އެހީތެރިކަމަށް ރާއްޖެއިން ހުށަހަޅައިފި އެވެ. ރާއްޖެއިން މިކަމަށް އެދުނުކަން ހާމަކުރެއްވީ، ރާއްޖެއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމް ދެއްވި ބަޔާނުގަ އެވެ.
ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ތެލާއި މައުދަން ހޯދުމުގެ ފުރުސަތުތައް ދިރާސާކުރުމަށް ޕެޓްރޯނަސްއަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެ ކުންފުންޏާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕެޓްރޯނަސް އިން ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖެއަށް އެ ކުންފުނި އައުމަކީ މާ ބޮޑު މައްސަލައަކަށް ވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސަމާސާ ރާގެއްގައި ވާހަކަފުޅު ދައްކަވަމުން ޕްރައިމް މިނިސްޓަރު ވިދާޅުވީ، އެންމެ ކުޑަމިނުން އެ ކުންފުންޏަށް ތެޔޮ ހޯދުމުގެ މަސައްކަތް ނުކުރެވުނު ކަމުގައި ވިޔަސް، ރާއްޖޭގައި މަދު ދުވަސްކޮޅަކަށް އަރާމުކޮށްލެވިދާނެ ކަމަށެވެ. މި ބަޔާނާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން މި މަސައްކަތަށް ފެހި ސިގްނަލެއް ލިބިގެންދާނެ ކަމުގެ އުއްމީދު ވަނީ ބޮޑުވެފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި ގޭސް އަދި ދިރުންނެތް އެހެނިހެން ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ މަހު ނިންމާފަ އެވެ. މި ނިންމުމާ އެކު، ފިޝަރީޒް މިނިސްޓްރީއާއި ކަމާގުޅޭ އެހެނިހެން ދައުލަތުގެ އިދާރާތަކުން ފުރިހަމަކުރަންޖެހޭ އިދާރީ އަދި ފަންނީ މަސައްކަތްތައް ފަށައި، އެކަމާ ގުޅޭ ހާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުގެ އަޑީގައިވާ އިގްތިސޯދީ މުއްސަނދިކަން ދެނެގަނެ، އެ ވަސީލަތްތަކުގެ މާލީ އަދި އިގްތިސޯދީ ފައިދާ ގައުމަށް ހޯދައިދިނުމެވެ. ދުނިޔޭގެ އެތައް ގައުމެއްގައި ހަކަތައިގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންދާ އިންޓަނޭޝަނަލް ކުންފުންޏެއް ކަމަށްވާ ޕެޓްރޯނަސްގެ އެހީތެރިކަން ލިބިއްޖެނަމަ، މި ދާއިރާއިން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
