ކ. އަތޮޅުން މަހަށް ނުކުމެ އުޅުނު ކ. ގުޅީ "ހަލިފާ" ނަމަކަށް ކިޔާ މަސްދޯންޏަކުން، މާވަހަރުގެ ބާވަތެއް ކަމަށްވާ ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ކަނޑުމަތިން ހޮވައިފި އެވެ. މި އެތި ހޮވާފައިވަނީ މީގެ ދެ ދުވަހެއްވަރު ކުރިން އއ. ތޮއްޑޫއާ ދިމާ ބޭރުން ގާތްގަނޑަކަށް 30 މޭލު ބޭރުން ކަނޑުމަތީގައި އޮޔާ ދަނިކޮށެވެ.

ބަރުދަނުގައި ގާތްގަނޑަކަށް 10 ކިލޯ ހުރި މި އެތި ބެލި ގިނަ ބަޔަކު ބުނަމުންދަނީ، އެއީ ހުދަންބަރެއްގެ ކިބައިން ފެންނަންޖެހޭ ހުރިހާ އަލާމާތްތަކެއް ފުރިހަމައަށް ފެންނަން ހުރި ހަގީގީ ހުދަންބަރެއް ކަމަށެވެ. އެހެންކަމުން މިއީ އެ ދޯނީގެ މަސްވެރިންނަށް ލިބުނު ވަރަށް އަގުބޮޑު ނަސީބެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ނަމަވެސް، މި އެތީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު މިކަމާމެދު ބައެއް އާންމުންގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. އެގޮތުން ބައެއް މީހުން ބުނަމުންދަނީ ފޮޓޯއިން ފެންނަ ގޮތުން މާވަހަރެއްގެ ހުންނަންޖެހޭ އަސްލު ސިފަތައް ނެތް ކަމަށާއި، އެއީ ކަނޑުމަތިން އޮޔާ ދިޔަ ތެލުގެ ބާވަތެއް ނުވަތަ ސަރުބީ ގަނޑަކަށް ވުން އެކަށީގެންވާ ކަމަށެވެ.

މީގެ ކުރިން 2012 ވަނަ އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މާވަހަރާ ވައްތަރު ސަރުބީ ގަނޑުތަކެއް ލައްގާފައިވެ އެވެ. އޭރުވެސް ގިނަ އަދަދެއްގެ މީހުންނަށް އެއީ މާވަހަރު ކަމަށް ހީކުރެވުނު ނަމަވެސް، ފަހުން ތަހުލީލުތަކުން އެނގުނު ގޮތުގައި އެއީ އާދައިގެ ސަރުބީތަކެކެވެ.

އެހެންކަމުން، މިފަހަރު ހޮވި 10 ކިލޯގެ އެތީގެ އަސްލު ދެނެގަތުމަށްޓަކައި، ކަމާބެހޭ މާހިރުން މެދުވެރިކޮށް އިތުރަށް ބަލައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ.