އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރިތާ އަދި ތިން ހަފުތާ ވެސް ނުވަނީސް، ޑަޗެސް އޮފް ސަސެކްސް މޭގަން މާކަލް އަނބުރާ އެމެރިކާއަށް ދިއުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މިކަން ހާމަކޮށްފައިވަނީ އޭނާއާ ވަރަށް ގާތް މަސްދަރަކުން މީޑިއާތަކަށް ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.

އެ މައުލޫމާތުތައް ބުނާ ގޮތުގައި އިނގިރޭސިވިލާތަށް ބަދަލުވި ކުރު މުއްދަތުގެ ތެރޭގައި ވެސް މޭގަންއަށް އެ ގައުމުގެ މާހައުލަށް ހޭނުމަށް ބޮޑެތި އުނދަގޫތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެހެންކަމުން، ކުރިން ދިރިއުޅެމުން އައި އެމެރިކާގެ ދިރިއުޅުމަށް އަލުން އެނބުރި ދިއުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި މިހާރު ވަނީ އުފެދިފަ އެވެ.

އަމިއްލަ ގައުމު ކަމަށްވާ އެމެރިކާ ދޫކޮށް އަނެއްކާވެސް އިނގިރޭސިވިލާތަށް ބަދަލުވުމަކީ މޭގަންއަށް ފަސޭހަ ނިންމުމަކަށް ނުވި ނަމަވެސް، މި ބަދަލާއެކު އޭނާއަށް ކުރިމަތިވި ޕްރެޝަރުތައް ވަނީ ކުރިއަށްވުރެ ބޮޑުވެފަ އެވެ. އަދި އާ މާހައުލުގައި ދިރިއުޅެން ފެށި ނަމަވެސް، އެ ގައުމުގައި މާ ގިނަ ދުވަހު މަޑުކުރުމުގެ މާ ބޮޑު ވިސްނުމެއް މިހާރު އޭނާގެ ނެތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މަސްދަރަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގައި ހޭދަކުރަންޖެހުނު ކުޑަ ދުވަސްކޮޅަކީ ވެސް މޭގަންއަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި، މިހާރު އޭނާ އެންމެ ބޭނުންވަނީ އަވަހަށް އެމެރިކާއަށް ދިއުމަށް ކަމަށެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ މާހައުލަކީ އޭނާގެ ހިތްހަމަޖެހުމަށް އެންމެ އެކަށޭނަ ތަނެއް ނޫން ކަމަށް ވެސް އެ މަސްދަރުން ފާހަގަކުރި އެވެ.

މޭގަން އެނބުރި އެމެރިކާއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، މިކަމާ ގުޅޭގޮތުން އޭނާގެ ފަރާތުން ރަސްމީކޮށް އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.