ދިފާއީ ބޭނުންތަކަށާއި ދުޝްމަނުންގެ ނުރައްކާތަކުން ރައްކާތެރިވުމަށް ޖައްވީ އޯބިޓުގައި އެމެރިކާގެ ހަތިޔާރުތައް ބަހައްޓާފައިވާކަން އެ ގައުމުން ފުރަތަމަ ފަހަރަށް ރަސްމީކޮށް ކަށަވަރުކޮށްދީފި އެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ ހާއްސަ ގޮތްޕެއް ކަމަށްވާ ޔޫއެސް ސްޕޭސް ފޯސް އިންނާއި، އަދި އެއާ ފޯސްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ހާއްސަ ކޮންފަރެންސެއްގަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ޖައްވުގައި މިފަދަ ހަތިޔާރުތަކެއް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ އެމެރިކާއާއި އެ ގައުމުގެ ބައިވެރި ގައުމުތަކުގެ ފައުޖުތަކަށް އަމާޒުވެދާނެ ދުޝްމަނުންގެ ނުރައްކާތެރި ހަމަލާތަކުން ދިފާއުވުމެވެ. އަދި ޖައްވީ ސަރަހައްދުގައި އެމެރިކާގެ ބާރުވެރިކަން ދެމެހެއްޓުމަކީ ގައުމީ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އެ ފަރާތުން ފާހަގަކުރެ އެވެ.

ޖައްވުގައި ބަހައްޓާފައިވަނީ ސީދާ ކޮން ކަހަލަ ހަތިޔާރުތަކެއް ކަން ސްޕޭސް ފޯސް އިން ތަފުސީލުކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ އިދާރާއިން ބުނީ، ޖައްވު ކޮންޓްރޯލް ކުރުމުގެ ގާބިލުކަން އެމެރިކާއަށް ލިބިފައިވާ ކަމަށާއި، އަމިއްލަ ދިފާއުގައި އަދި ރައްދު ހަމަލާ ދިނުމުގެ ގޮތުން ވެސް ބޭނުންކުރެވޭނެ އެކި ބާވަތުގެ ޒަމާނީ އަސްކަރީ ވަސީލަތްތައް ޖައްވުގައި މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.

މިކަން އިތުރަށް ކަށަވަރުކޮށްދެއްވަމުން، އެއާ، ސްޕޭސް އެންޑް ސައިބާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ އެއާ ފޯސް ސެކްރެޓަރީ ޓްރޯއި މެއިންކް ވެސް ވަނީ ޖައްވީ އޯބިޓުގައި މިފަދަ ހަތިޔާރުތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. މިއީ ދުނިޔޭގެ ސަލާމަތީ މަސްރަހު ބަދަލުވަމުންދާ ގޮތުން އަސްކަރީ ގޮތުން ކުރިއަރައި ދިއުމަށް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޖައްވުގައި ހަތިޔާރު ބަހައްޓާފައިވާކަން އެމެރިކާއިން ފުރަތަމަ ފަހަރަށް ރަސްމީކޮށް އިއުލާނު ކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ އަސްކަރީ މަސްރަހަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް މުހައްލިލުން ލަފާކުރެ އެވެ. އަދި ބޮޑެތި ބާރުތަކުގެ މެދުގައި އޮތް އަސްކަރީ ވާދަވެރިކަން ދުނިޔޭގެ ބިމުން ބޭރަށް، ޖައްވީ ސަރަހައްދަށް ފުޅާވެގެން ގޮސްފައިވާ ކަން މިއަދު މިވަނީ ވަރަށް ބޮޑަށް ސާބިތުވެފަ އެވެ.