އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ އުތުރުގައި ހުންނަ ދާމޫން ޖަލުގައި ބަންދުކޮށްފައި ހުރި ފަލަސްތީނުގެ އަންހެން ގައިދީއަކު، އަންހެން ކުއްޖަކު ވިހައިފި އެވެ. ހޯމަ ދުވަހު ވިހާފައިވަނީ، ފަލަސްތީނުގެ ނާބުލުސްގެ އިރާގު އަލް-ތާއިހް އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ދާނާ ޖޫދާ އެވެ.

ދާނާ ޖަލުގައި ވިހާފައި މިވަނީ، އެއްވެސް ދައުވާއެއް ނުވަތަ ޝަރީއަތެއް ނެތި އިސްރާއީލުގެ އަސްކަރިއްޔާއިން އޭނާ އިދާރީ ބަންދެއްގައި ބަހައްޓާތާ ހަ މަސް ދުވަސް ފަހުންނެވެ. ބަލިވެއިނދެ ވިހެއުމާ ހަމައަށް ހޭދަކުރި މުއްދަތުގައި އޭނާ ބަންދުކޮށްފައި ބެހެއްޓީ އިންސާނިއްޔަތާ ހިލާފު، ދަތި އުނދަގޫ ހާލަތެއްގައި ކަން އާއިލާއިން ވަނީ ފާހަގަކޮށްފަ އެވެ.

އޭނާގެ އާއިލާއާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، ދާނާ ވިހަން ކައިރިވެފައިވާއިރު ވެސް އެކަށީގެންވާ ސިއްހީ އެހީތެރިކަމާއި އަޅާލުން ދިނުމުގައި ޖަލުގެ އިދާރާތަކުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. ވިހެއުމުގެ ނާޒުކު ވަގުތުގައި ވެސް ބޭނުންވާ އަސާސީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދީފައި ނުވާ ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެ އެވެ.

މި ހާދިސާއާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ބުނީ، މިއީ ފަލަސްތީނުގެ ގައިދީންނާ މެދު އިސްރާއީލުން ގެންގުޅޭ ލާއިންސާނީ އަދި އިހުމާލުވުމުގެ ސިޔާސަތު އިތުރަށް ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ބަލިވެއިން އަންހެނުން އެކަށީގެންވާ ފަރުވާއަކާ ނުލައި ޖަލުގެ އަނދިރި ގޮޅިތަކުގައި ބޭތިއްބުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވެސް އެ ޖަމާއަތްތަކުން ފާހަގަކުރެ އެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އެތައް އަންހެނުންނަކާއި ކުޑަކުދިން ހައްޔަރުކޮށްފައި ތިބިއިރު، އެ މީހުންނަށް ދިމާވާ ސިއްހީ އިހުމާލުތަކާއި އަނިޔާތަކުގެ މައްސަލަ ބައިނަލްއަގުވާމީ މައިދާނުގައި މިހާރު ވެސް އަންނަނީ ވަރަށް ބޮޑަށް ހޫނުވަމުންނެވެ.