އެހެން ސަގާފަތެއްގެ ކަންކަމަށް އަރައިގަނެ ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކުރެވުނު ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާއެކު، މަޝްހޫރު ލަވަކިޔުންތެރިންގެ ގުރޫޕް ބްލެކްޕިންކްގެ ތަރި ލީސާ އެކަމަށް މައާފަށް އެދިއްޖެ އެވެ. އޭނާ މިކަމަށް މައާފަށް އެދިފައިވަނީ ބައިނަލްއަގުވާމީ މަޝްހޫރު މީޑިއާ ބްރޭންޑެއް ކަމަށްވާ "ވެރައިޓީ" މަޖައްލާއަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި މައްސަލަ ފެންމަތިވީ ލީސާގެ ސޯލޯ ލަވަ "މަނީ" ގެ ވީޑިއޯއެއްގައި، ކަޅު ނަސްލުގެ މީހުންގެ ސަގާފަތާ ގުޅިފައިވާ ހާއްސަ ވައްޓަފާޅިއަކަށް އިސްތަށިގަނޑު ގަތައިގެން ފެނިގެންދިޔަ ހިސާބުންނެވެ. އެއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެއީ އެހެން ނަސްލެއްގެ ސަގާފަތަށް އިހުތިރާމު ކުޑަކުރުން ކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފަ އެވެ.
އެ ދުވަސްވަރު ދިމާވި މި ހިތްހަމަނުޖެހުންތަކާ ގުޅިގެން ވާހަކަ ދައްކަމުން ލީސާ ބުނީ، އެއީ އެއްވެސް މީހެއްގެ ހިތުގައި ޖެއްސުމުގެ ގަސްތުގައި ނުވަތަ ވަކި ނަސްލެއް ދަށްކޮށްލުމަށް ކުރި ކަމެއް ނޫން ކަމަށެވެ. އަދި އޭރު ކުރެވުނު ކަންތަކާ މެދު ވަރަށް ބޮޑަށް ދެރަވާ ކަމަށާއި، މި ހާދިސާއަކީ އޭނާގެ ހަޔާތުގައި ވަރަށް ބޮޑު އިބުރަތެއް ހާސިލުކުރި ކަމެއްގެ ގޮތުގައި ލީސާ ސިފަކުރި އެވެ.
"އެ ކަމުގެ ސަބަބުން އަހަންނަށް ވަރަށް ބޮޑަށް ދަސްވި. އަދި އެކަމާ ބެހޭގޮތުން އަހަރެން މައުލޫމާތު ހޯދައި ހޭލުންތެރިވެސް ވެއްޖައިން،" ކުރިމަގުގައި އެފަދަ އެއްވެސް ކަމެއް ދެން ދުވަހަކު ވެސް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދެމުން ލީސާ ވެރައިޓީ މަޖައްލާއަށް ބުންޏެވެ.
މި އިންޓަވިއުއަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުންނާއި ސޯޝަލް މީޑިއާގެ ގިނަ ބަޔަކު ވަނީ، ލީސާ އަމިއްލައަށް ކުށް ގަބޫލުކޮށް މައާފަށް އެދުމުން އެކަމަށް ތައުރީފުކޮށްފަ އެވެ. އަދި ދުނިޔޭގެ މަގުބޫލު ފަންނާނުން މިފަދަ ނާޒުކު މައްސަލަތަކުގައި ހޭލުންތެރިކަން އިތުރުކުރުމަކީ ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް ވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
