ބާސެލޯނާ އަށް ކުޅެމުންއައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކޮށްފިއެވެ.

އުމުރުން 34 އަހަރުގެ މެސީ، ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ކުރީން ކުޅުނު ބާސެލޯނާ ދޫކޮށްލަން ނިންމީ ސްޕެނިިޝް ލީގުގެ މާލީ ގަވާއިދުތަކުގެ އޮނިގަނޑު އޮތް ގޮތުން އެ ޓީމާއެކު އެއްބަސްވުން އާކުރެވެން ނެތުމުންނެވެ.

މެސީ އަށް ޕީއެސްޖީން އަހަރަކު މުސާރައިގެ ގޮތުގައި 35 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި ސޮއިކުރިއިރު ބޯނަހެއްގެ ގޮތުގައި މެސީ އަށް 35 މިލިއަން ޑޮލަރު ދިނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ޕީއެސްޖީން ބޭނުންނަމަ އިތުރު އެއް އަހަރަށް މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ޕީއެސްޖީ އަށް ސޮއިކުރުމަށްފަހު މެސީ ބުނީ ކެރިއަރުގެ އައު ޗެޕްޓާއެއް ފެށުމަށް ކެތްމަދުވެފައިވާ ކަމަށާއި އެ ކްލަބުގެ އުއްމީދުތައް ހުރީ އޭނާގެ ހުވަފެންތަކާ އަމާޒާއި އެއް ހިސާބެއްގައި ކަމަށެވެ.

މެސީ (ވ) އާއި ޕީއެސްޖީގެ ރައީސް ހެއްލާފީ އާއެކު ކޮންޓްރެކްޓްގައި ސޮއިކުރަނީ. --ފޮޓޯ: ޕީއެސްޖީ

އެ ކްލަބުގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވީ މެސީ، ޕީއެސްޖީއާ ގުޅެން ނިންމުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، މެސީއާ އޭނާގެ އާއިލާއަށް މަރުހަބާ ކިޔަނީ ވަރަށް ފަޚުރުވެރިކަމާއެކު ކަމަށެވެ.

އުމުރުން 13 އަހަރުގައި ބާސާގެ ޖާޒީގައި ފެނިގެންދިޔަ މެސީ، 21 އަހަރަށް ފަހު އެ ކްލަބު ދޫކޮށްލިއިރު ވަނީ އެ ޓީމަށް ކުޅުނު 778 މެޗުން 672 ގޯލު ޖަހައިދީފައެވެ. މީގެތެރެއިން 120 ގޯލް ޖަހާފައިވަނީ ޔުއެފާ ޗެމްޕިއަންސްލީގުގައެވެ. އަދި އެ ޓީމާ އެކު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން 10 ފަހަރު ހޯދިއިރު، ހަތަރު ޗެމްޕިއަންސް ލީގާއި، ކޮޕާ ޑެލް ރޭގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފައިވެއެވެ. މީގެއިތުރުން، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ވެސް ހަ ފަހަރު މަތީން ހޯދާފައިވެއެވެ.

މެސީ އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ އަށް ހިލޭ ޓްރާންސްފާގައި ގެނައި ހަތަރުވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ މެސީއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑް އަދި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ލިވަޕޫލަށް ކުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އާއި އިޓަލީއާއެކު އެންމެ ފަހުގެ ޔޫރޯގައި މޮޅު ކުޅުމެއްދެއްކި ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ގެނެސްފައެވެ. ޕީއެސްޖީން ދެން ގެނައި މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީގެ ސޮއި ހޯދީ އިންޓަ މިލާނަށް 60 މިލިއަން ޔޫރޯ ދެއްކުމަށްފަހު އެވެ.

ޕީއެސްޖީގެ ޖާޒީގައި މެސީ ފެނިގެންދާނެ ފުރަތަމަ މެޗަކަށްވާނީ ފްރެންޗް ލީގުގައި އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ސްޓްރަސްބޯގާ ދެކޮޅަށް ނިކުންނަ މެެޗެވެ. މެސީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކެރިއަރުގެ ކުރީކޮޅު ބާސެލޯނާގައި ބޭނުންކުރި 30 ނަންބަރު ޖާޒީ އެވެ.