އިންސާނުންގެ ބަދަލުގައި ދަރިމައިވުމުގެ މަރުހަލާ ފުރިހަމަކޮށް ކުދިން ވިހާނެ ދުނިޔޭގެ ފުރަތަމަ ހިއުމަނޮއިޑް "ޕްރެގްނަންސީ ރޮބޮޓް" އުފެއްދުމުގެ މަސައްކަތް ޗައިނާގެ ޓެކްނޮލޮޖީ ކުންފުންޏަކުން ފަށައިފި އެވެ. މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާގެ ކައިވާ ޓެކްނޮލޮޖީ ކުންފުނިން ކަމަށް ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނެ އެވެ.
މި އާ އީޖާދުގެ މައިގަނޑު ބޭނުމަކީ މަސްނޫއީ ރަހިމެއް އެކުލެވޭ ގޮތަށް އިންސާނެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ ރޮބޮޓެއް މެދުވެރިކޮށް، ދަރިފުޅު އުފަންވަންދެން ބަނޑުގައި ބޮޑުކުރުމުގެ މަރުހަލާ ފުރިހަމަކުރުމެވެ. މި ރޮބޮޓް ފަރުމާކުރަނީ ދަރިފުޅަށް ބޭނުންވާ އެންމެހާ މާއްދާތަކާއި ރައްކާތެރިކަން މަސްނޫއީ ވަސީލަތްތަކުން ލިބޭނެ ގޮތްތައް ހަމަޖައްސައިގެންނެވެ.
ކައިވާ ޓެކްނޮލޮޖީން ބުނާ ގޮތުގައި، މި މަސައްކަތަކީ ސިއްހީ ގޮތުން ދަރިން ހޯދުމަށް ނުކުޅެދިފައިވާ މީހުންނަށާއި، ބަލިވެއިނުމުގެ ސަބަބުން ސިއްހީ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ ދިރާސާއެކެވެ. މިއީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މިހާތަނަށް ފެނިގެންދާނެ އެންމެ އާދަޔާހިލާފު އެއް ބަދަލު ކަމަށް ވެސް އެ ކުންފުނިން ދެކެ އެވެ.
މި ކޮންސެޕްޓް އާންމުވުމާއެކު، ބޭސްފަރުވާއާއި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން އާންމުންގެ މެދުގައި ވެސް މިކަމާ ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފަ އެވެ. އެގޮތުން މިފަދަ ޓެކްނޮލޮޖީއެއްގެ ސަބަބުން މައިވަންތަކަމުގެ ގުޅުމަށް ކޮށްފާނެ އަސަރުތަކާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ރޮބޮޓް އުފެއްދުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު، މި މަޝްރޫއު ކާމިޔާބުވެ އާންމުކޮށް ބޭނުންކުރަން ފެށޭނެ ދުވަހެއް އަދި އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިއީ ސައިންސާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔެއަށް އަންނާނެ ވަރަށް ބޮޑު އިންގިލާބެއް ކަމަށް ދިރާސާވެރިން ފާހަގަކުރެ އެވެ.
