ރާއްޖޭގެ ސިޔާސީ މަސްރަހު ފުރޮޅެމުން އައި ގޮތުން ޒުވާނުންނަށް ސިޔާސީ މަސައްކަތަކީ ހަޑި އަދި ގާތްވާން ވެސް ކަމުނުދާ އެއްޗެއްގެ ގޮތުގައި ވިސްނިފައި އޮތުމަކީ ގައުމު އިސްކޮށްގެން ބަދަލުކުރަން ޖެހިފައިވާ ވިސްނުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޒިންމާދާރު ގޮތެއްގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި ނުރަނގަޅު އަދި މުޖުތަމައު ބަލައިނުގަންނަ ފަދަ ކަންކަން ހިމެނިގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގެ އަސްލު މަގުސަދަކަށް ވާންވާނީ ގައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުން ކަމުގައި ފާހަގަކުރެއްވި އެވެ.

އެންމެ ފުރަތަމަ ގައުމު އިސްކުރާ ނަމަ ދާނީ ދިވެހީންގެ ރާއްޖެއަށް ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގައުމު އިސްކޮށްގެން ކުރާ ސިޔާސީ މަސައްކަތަކީ ވަރަށް ސާފުތާހިރު އެއްޗެއް ކަމަށެވެ. އަދި ކޮންމެ މީހެއްގެ ސިޔާސީ ފިކުރު ކޮންމެ ޕާޓީއަކާ ގުޅިފައި އޮތް ނަމަވެސް، އެންމެންނަކީ ވެސް ފުރަތަމަ ދިވެހިންކަން ހަނދާންކޮށް ގައުމު ތަރައްގީ ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ތަރައްގީގެ ނަޒަރިއްޔާތުގައި ހުންނަ ތަފާތުތަކުގެ ސަބަބުން އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ގައުމު އިސްކުރުމަކީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް ގައުމަށް ފައިދާހުރި ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދިނުން ކަމުގައި ރައީސް ބަޔާންކުރެއްވި އެވެ.

މީގެއިތުރުން، ސަރުކާރު ހިންގާ ޕާޓީން ގައުމަށް ގެއްލުންވާ ފަދަ ކަމެއް ކުރި ނަމަވެސް ވަގުތުން ތެދުވެ އެ ވާހަކަ ދައްކަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގައުމަށް އެންމެ ފައިދާހުރި ގޮތް ބަޔާންކޮށްދީ، ރަނގަޅު މަގު ދައްކައިދިނުމަކީ ޒިންމާދާރު ސިޔާސީ މަސައްކަތުގެ އެންމެ މުހިންމު އެއް ބިންގާ ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.