ދިވެހި ފިލްމީ ދާއިރާގޭ ތަރި އާމިނަތު ރަޝްފާ (އާޝާ) ގެ 28 ވަނަ އުފަންދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމުންނެވެ.

ސޯޝަލް މީޑިއާގައި އޭނާގެ ފޭނުންނާއި ފިލްމީ ދާއިރާގެ އެކުވެރިން އަންނަނީ އާޝާއަށް ކާމިޔާބީއަށް އެދި މެސެޖުތައް ހިއްސާކުރަމުންނެވެ.

ސްރީލަންކާއިން އޭވިއޭޝަން ދާއިރާއިން ޑިޕްލޮމާ ހާސިލުކުރުމަށްފަހު މާލެ އައިސް، އާޝާ އާންމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔައީ ޓިކްޓޮކް މެދުވެރިކޮށެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ނެރުނު ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާއަށް ތައާރަފުވެ، އޭނާ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެ ފިލްމުގައި އާޝާ ދެއްކި މޮޅު އެކްޓިންއަށް ކްރިޓިކްސްގެ ފަރާތުން ވެސް ވަރަށް ބޮޑަށް ތައުރީފު ލިބިގެންދިޔައެވެ.

ފުރަތަމަ ފިލްމަށްފަހު އާޝާ ވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓާ ގުޅިގެން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރު ނެރުނު ވެބް ސީރީޒް "ގިރިޓީ ލޯބި" އަދި 2023 ވަނަ އަހަރު ނެރުނު ފިލްމު "ބީވީމާ" ގައި އޭނާ ކުޅެފައިވާ މުހިންމު ރޯލުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން "ވިހާލި" ފަދަ އުފެއްދުންތަކުން ވެސް ފެނިގެންދިޔަ އާޝާއަކީ މިހާރު ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ އުޖާލާ މުސްތަގުބަލެއް އޮތް އެއް ފަންނާނެވެ.