ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިއަދު މެންދުރުފަހު 13:15 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން މިއަދު ފަތިހު 05:30 އިން ހެނދުނު 11:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށްވެސް ވައިޓް އެލާޓް ނެރެފައިވެއެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި ވައިޖެހޭނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މާދަމާއިން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެއެވެ. އެހެންނަމަވެސް މޫސުން އަދި މުޅިން ރަނގަޅުނުވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.