މާލެއިން ފުރައިގެން ރާ އަތޮޅު ރިސޯޓަކަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް އަރިއަޅާލި "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނި، އޭގައި ތިބި މީހުންނާއެކު ރައްކާތެރިކަމާއެކު ބާ އަތޮޅު އޭދަފުއްޓަށް ގެންގޮސްފިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިއުމާ ގުޅިގެންނެވެ. ފުލުހުން ބުނީ، މި ދޯނި އަރިއަޅާލައިގެން ދިޔަވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ.
މި ރިޕޯޓު ލިބުމާއެކު، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބާ އަތޮޅު އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ވަނީ ވަގުތުން އެ ތަނަށް ގޮސް އެހީތެރިކަން ދީފައެވެ. ދޯނި އަޑިއަށް ދިޔަނުދީ ސަލާމަތްކުރުމުގެ ގޮތުން އޭގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލި ކަމަށް ފުލުހުން ބުންޏެވެ. އަދި ދޯންޏަށް އެޅުނު ފެން ހިއްކުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ކޮށްފައެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ޖުމްލަ ހަތަރު މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ފުލުހުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ދޯނީގައި ތިބި އެންމެންގެ ވެސް ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު މިހާރު އެ ދޯނި ވަނީ އޭދަފުއްޓަށް ގެންގޮސްފައެވެ.
